އެފްއޭއެމްގެ އަންހެން ފުޓްބޯޅަ މުބާރާތް، ޖުމްލަ ހަތަރު ކްލަބަކާއެކު މާދަމާ ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މޯލްޑިވްސް ސޮކަރ މޭޓްސްއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ލީގު ފޯމެޓަށެވެ. އެގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރާ ގޮތަށް ދެ ބުރު ކުޅުމަށްފަހު، ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމަކަށް މުބާރާތުގެ ތަށި ލިބޭނެއެވެ.

ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު، އެފްއޭއެމުން މި މުބާރާތް އަލުން އިންތިޒާމުކުރަން ފެށީ ވޭތުވެދިޔަ އަހަރުއެވެ. އެއީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަދި މިދިޔަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވަނީ މާޒިޔާއިންނެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ އަހަރުގެ މުބާރާތުން ފެނުނު ބައެއް ކްލަބުތައް މި އަހަރު ނުފެންނާނެއެވެ. އޭގެ ތެރޭގައި އޮޑި ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބް ހިމެނެއެވެ. މި ފަހަރު މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު މަދުވި ނަމަވެސް، ކުޅުން ވާދަވެރިވެފައި ފޯރިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.