ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިންތިޚާބުކުރި އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި މުބާރާތް ބޭއްވި ޗައިނާ އަތުން 8-3 އިން ބަލިވެ، ދިވެހިރާއްޖެއިން މުބާރާތުގެ ތިންވަނައިގައި ނިންމާލައިފިއެވެ.
ހަތަރު ޤައުމު ވާދަކުރި މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ޗައިނާއިން ވަނީ ވިދިވިދިގެން ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. ނަމަވެސް، މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސަންޓޯ) ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-1 އިން ޗައިނާ ކުރީގައި އޮވެގެންނެވެ. މިއީ މި މުބާރާތުގައި އިޝާން ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖެހިއެވެ. އެގޮތުން އިޝާން ތަނަވަސްކޮށްދިން ފުރުޞަތަކުން ޢަބްދުﷲ ޝާފިޢު ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިންއިރު، ތިންވަނަ ލަނޑު އިމްރާންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަޙްމަދު ޙަމީދެވެ.
މެޗުގެ ނަތީޖާ 5-3 ގައި އޮއްވައި، ފަރަގު ކުޑަކުރުމަށްޓަކައި ރާއްޖެއިން ކީޕަރު ކުރިއަށް ނެރެގެން "ޕަވަރ ޕްލޭ" ކުޅެން ފެށިއެވެ. ނަމަވެސް، އޭގެ ފައިދާ ނަގައި ޗައިނާއިން ވަނީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި އިތުރު ތިން ލަނޑު ކާމިޔާބުކޮށް، 8-3 އިން މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު، ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނާއެވެ. ދެވަނަ ހޯދި ސައުތު ކޮރެއާ ސެލެކްޝަން ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ރާއްޖެއަށް ތިންވަނަ ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވި ހޮންކޮންގް ދިޔައީ ތާވަލުގެ ފުލަށެވެ.
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސައުތު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ރާއްޖެއިން ވަނީ ހޮންކޮންގްގެ މައްޗަށް 7-0 ގެ ތާރީޚީ އަދި ފުރިހަމަ މޮޅެއް ހޯދާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.