ހޫޘީންނާ ހަނގުރާމަކުރަން ސޫރިޔާގެ ސިފައިން ޔަމަނަށް ފޮނުވާފައި ނުވާނޭ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސާދު އަލް ޝައިބާނީ ވިދާޅުވެއްޖެއެވެ.
ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތާނގައިވެސް ޔަމަނަށް ސިފައިން ފޮވުމުގެ ޕްލޭނެއް ނެތް ކަމަށެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ މިދެއްކެވީ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާއިން ޔަމަނަށާއި، ސައުދީ އަރަބިއްޔާއަށް ސިފައިންގެ ފައުޖުތައް ފޮނުވާފައިވާ ކަމަށް ފެތުރިފައިވާ ރިޕޯޓްތަކާ ގުޅިގެންނެވެ.
އަލް ޝައިބާނީ ވިދާޅުވީ، ޔަމަނަށް ސޫރިޔާ ސިފައިން ފޮނުވުމާ ގުޅޭގޮތުން ޔަމަނުގައި ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރާއި އަދި ސޫރިޔާ ސަރުކާރާ ދެމެދުވެސް އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދިފައި ނުވާ ކަމަށެވެ.
ގައުމުން ބޭރަށް ސިފައިން ފޮނުވަން ސަރުކާރުން ނިންމައިފި ހާލަތެއްގައި އެކަން ސިއްރު ނުކުރައްވާނެ ކަމަށްވެސް ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް، އަރަބި އަދި އިސްލާމީ ގައުމުތަކަށް ހަނގުރާމަވެރި ޖަމާއަތްތަކުން ދޭ ހަމަލާތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލުމުގައި ސޫރިޔާގެ ފުރިހަމަ ތާއީދު ލިބޭނޭ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އަނެއްކޮޅުން، މައްކާ ޑިފެންސް ޕެކްޓްގައި ބައިވެރިވުމަށް ސޫރިޔާއިން ނިންމާފައިވާ ކަމުގެ ރިޕޯޓްތައްވެސް ފެތުރެމުން އެބަދެއެވެ.
ސޫރިޔާ ސިފައިން ޔަމަނާއި ސައުދީއަށް ގޮސްފައިވާ ކަމުގެ ރިޕޯޓްތަކެއް ފެތުރިގެންދިޔަ މި ދަނޑިވަޅަކީ ސައުދީ ކޯލިޝަނާއި އަދި ޔަމަނު ސަރުކާރު ސިފައިން ހޫޘީންނާ ދެކޮޅަށް އެއްގަމާއި ވައިގެމަގުން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ ދަނޑިވަޅެވެ.
ހަމަ އެއާއެކު، ހޫޘީ ލަޝްކަރު އަންސާރުﷲއިން ގެންދަނީ ޔަމަނުގެ ސިފައިންނަށާއި، ޔަމަނުގައި ތިބި ސައުދީ ސިފައިންގެ ތަންތަނަށާއި، އަދި ސައުދީ އަރަބިއްޔާގެ އެތައް ތަނަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، މައި އޮފީސްތަކުގެ އިތުރުން، ސައުދީ އެއަރޕޯޓްތަކަށްވެސް ހޫޘީން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިޝްތިހާރު އިޝްތިހާރު