ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް މިސްރުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލެއްވީ މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދުއްލަތީއެވެ.
ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ހުރި ހުރިހާ ފުރުސަތުތަކާއި ގޮތްތައް ހޯދައި ބަލަންޖެހޭ ކަމަށެވެ.
ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ ހައްލުތަކަށް ވާސިލްވުމަށް ހުރިހާ މަގެއް ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ހަމަ އެއާއެކު، މިސްރު އޮތީ ސައުދީ އަރަބިއްޔާއާ އެކުގައި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދުއްލަތީ މި މޭރުމުން ވާހަކަ ދެއްކެވިއިރު، މިސްރުން ދަނީ، ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އަސްކަރީގޮތުން އެހީތެރިވާން ތައްޔާރުވަމުންނެވެ.
އަނެއްކޮޅުން، ހޫޘީން ސައުދީ އަރަބިއްޔާގެ އެކި ރަށްތަކަށްދޭ ހަމަލާތައް މިހާރުވަނީ ވަރަށް ވަރުގަދަ ކޮށްފައިވާއިރު، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެތައް ރަށަކަށް ހަމަލާ ދީފައި ވެއެވެ.
އޭގެ ތެރޭގައި، ވެރިރަށް ރިޔާޟްގައި ހުންނަ ސައުދީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީވެސް ހިމެނޭ ކަމަށް ހޫޘީން ބުނެފައި ވެއެވެ.
ސައުދީ ޑިފެންސް މިނިސްޓްރީގެ އިތުރުން، ޔަންބުގައި ހުންނަ ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި އަރަމްކޯގެ ތަނަކަށާއި، އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، ދައްމާމްގައި އޮންނަ ކިންގް ފަހްދް އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ހަމަލާދިން ކަމަށް ހޫޘީން ބުނެފައި ވެއެވެ.
ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ ކިންގް ފަހްދް އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ހަމަލާގައި ދެމީހުން މަރުވި ކަމަށެވެ.
ސައުދީ ކޯލިޝަނުން ބުނެފައިވަނީ، ވެރިރަށް ރިޔާޟާއި އަދި މަދީނާ ރީޖަންގެ މަތިން މިއަދުވެސް 4 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
ޚަބަރުތައް ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ ދަހްރާންގައި ހުންނަ އަރަމްކޯގެ ހެޑްކުއާޓަރަށް ޙޫޘީން ހަމަލާދޭން އުޅޭ ކަމަށް ބެލެވިގެން އެތަނުން މިހާރުވަނީ މީހުން ހުސްކޮށްފައެވެ. ހޫޘީން މިދިޔަ ހަފްތާގައިވެސް އެތަނަށް ހަމަލާ ދީފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު