ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީ ވައުދުވެވަޑައިގެންފިއެވެ.
މިސްރުގެ ރައީސް މިކަމަށް ވައުދުވެވަޑައި މިގެންނެވީ، ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ރަށްތަކަށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ގާހިރާގައި ބޭއްވި އަސްކަރީ އެކަޑަމީއެއްގެ ގްރެޖުއޭޝަންގައި ވާހަކަ ދައްކަވަމުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީ ވިދާޅުވީ، ސައުދީ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެންގެވުމާ އެއްގޮތަށް މިސްރު އޮތީ ސައުދީ އަރަބިއްޔާ ހިމާޔަތްކުރުމަށް އަމަލީގޮތުން ފިޔަވަޅު އަޅަން ތައްޔާރަށް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ހިމާޔަތާއި ދިފާއަށް އެއްވެސް ކަމެއް ކުރެވޭނީ މިސްރު ޕާލަމެންޓުގެ ހުއްދަ ލިބިގެން ކަމަށްވާތީ، މިސްރުގެ ރައީސްގެ އެންގެވުމަށް އެކަމަށް ގޮތެއް ނިންމަން މިސްރު ޕާލަމެންޓުގެ އިމަޖެންސީ ޖަލްސާއެއް މާދަމާ ބޭއްވުމަށް މިހާރުވަނީ ތާވަލް ކޮށްފައެވެ.
މިސްރުގެ ރައީސް ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ގެއްލުންވާތަން ފެނުމަކީ ނުވަތަ ސައުދީގެ ސަލާމަތަށް ނުވަތަ ހަމަޖެހުމަށް އަސަރުކުރާތަން ދެކެން މިސްރު ބޭނުން ނުވާ ކަމަށެވެ.
ގަލްފްގެ ހުރިހާ ފަރާތްތަކަށް ކުރެއްވި އިލްތިމާސްގައި މިސްރުގެ ރައީސްވަނީ ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.
ޔަމަނުގައި ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އެކި ސަރަހައްދުތަކަށް ޔަމަނު ސަރުކާރު ސިފައިން މިހާރުވެސް ވަރުގަދަ ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، ހޫޘީންވެސް ގެންދަނީ ރައްދު ހަމަލާތައް ދެމުންނެވެ.
ހޫޘީންނަށް ހަމަލާ ދިނުމުގައި ބައިވެރިވާ ސައުދީ ކޯލިޝަނުން ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، އީސްޓަން އަދި ސަދަން ޕްރޮވިންސްތައް މަތިން އައި ހޫޘީންގެ 4 ޑްރޯންއަށް ސިފައިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
އަނެއްކޮޅުން، ހޫޘީން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ ހަމަލާތައް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން މިއަދު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.











ކިޔުންތެރިންގެ ހިޔާލު