މައްކާ ރީޖަންއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް މާލިކީ އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހޫޘީން ފޮނުވާލި ދެ ޑްރޯންވެސް ސައުދީ ސިފައިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
ޑްރޯންތައް ވައްޓާލީ ކޮން ދިމާއަކުން ކަމެއް އަދި ވައްޓާލި ޑްރޯންތަކުގެ ބައިތަކުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ވީކަމެއްވެސް ތަރުޖަމާނު ވިދާޅެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ހޫޘީންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ހަރަމް ހުންނަ މައްކާ ސިޓީ ހިމެނޭ މައްކާ ރީޖަންއަށް އަމާޒުކޮށް ހޫޘީން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންގެންދާ ކަމަށް ސައުދީ ކޯލިޝަނުން މީގެކުރިން ބުނި ހުރިހާ ފަހަރަކު ހޫޘީންވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.
ހޫޘީން ބުނަމުންގެންދަނީ މައްކާ ރީޖަންއަށް އަދި މަދީނާ ހިމެނޭ އެއްވެސް ހިސާބަކަށްވެސް ހަމަލާއެއް ނުދޭ ކަމަށެވެ.
ހޫޘީން މިހާރުވެސް ގެންދަނީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، ސައުދީ އަރަބިއްޔާގެ އެހެން ރަށްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވައިގެ ހަމަލާތައް ދެމުންނެވެ.
ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކުރަމުން ގެންދަނީ، ސައުދީ އެއަރޕޯޓްތަކަށާއި، ސަރުކާރުގެ މައި ތެޔޮ ކުންފުނީގެ ކާރުޚާނާތަކާއި، ތެޔޮ ރައްކާކުރާ ތަންތަނަށާއި، ސައުދީ އަސްކަރީ ތަންތަނަށެވެ.
މީގެއިތުރުން، ޔަމަނުގައި ސައުދީ ސިފައިން ކޭމްޕް ޖަހާފައިވާ ތަންތަނަށްވެސް ވަރުގަދަ ވައިގެ ހަމަލާތައް ދެމުން ގެންދެއެވެ.
ހޫޘީން ސައުދީއަށް ހަމަލާތައް ދެމުންގެންދަނީ، ސައުދީ އަރަބިއްޔާ އަދި ސައުދީއާ ގުޅިފައިވާ ގައުމުތަކުގެ ސިފައިން ހޫޘީންގެ ތަންތަނަށާއި، ޔަމަނުގެ ވެރިރަށް ސަންއާއަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ރައްދުގައެވެ.
މައްކާ ރީޖަންއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ސައުދީން ބުނެފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.