މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް އެމެރިކާ ސަރުކާރުން އެދިއްޖެއެވެ.
ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ކުރު ބަޔާނެއްގައި އިންޒާރު ކޮށްފައިވަނީ، އީރާނުގެ މަދަދު ލިބިގެން ހަރަކާތްތެރިވާ ހޫތީން ޖަމާއަތުން ހަމަލާ ދިނުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށާއި، ސަރަހައްދުގައި ތިބި އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް އަމާޒުކޮށްގެން އީރާނުން ހަމަލާތަކެއް ދިނުމުގެ ނުރައްކާވެސް އިތުރުވެފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ރަށްތަކަށް ހޫޘީން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އާންމުންގެ އެތައްބަޔަކު ޒަޚަމްވެފައިވާކަންވެސް އެމެރިކާ އެމްބަސީން ފާހަގަ ކޮށްފައި ވެއެވެ.
ހޫޘީންގެ ހަމަލާތައް ސައުދީ އަރަބިއްޔާގެ އިތުރު ސަރަހައްދުތަކަށް ބާރުމިނުގައި ފުޅާވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި، ސައުދީ އަރަބިއްޔާގެ ދެކުނުގެ ޕްރޮވިންސްތަކަށް ހޫޘީން މިއަދުވެސް ވަނީ ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
ސައުދީ ލަޝްކަރުން ބުނެފައިވަނީ، ވެރިރަށް ރިޔާޟަށާއި، ސައުދީގެ ދެކުނަށް ހޫޘީން ފޮނުވާލި ދެ ޑްރޯން، ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ، ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި، އަރަމްކޯގެ ރިޔާޟް ތެޔޮ ތާނގީތަކަށް އަމާޒުކޮށް ދިން ހަމަލާތައް، ކާމިޔާބު ކަމާއެކު ސީދާ އަމާޒަށް ވާސިލްވި ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު