މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގުރޫޕުގެ ފަރާތުން "ރެކްރޫޓުމެންޓް އޯޕަންޑޭ ގޯލްޑެން ޓިކެޓު"ގެ ނަމުގައި ހުޅުލޭ އައިލެންޑު ހޮޓެލުގައި ކުރިޔަށް ގެންދިޔަ ހަރަކާތް ނިމިއްޖެއެވެ.
16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭއްވި މި ހަރަކާތާއި ގުޅޭގޮތުން ކުލަސްޓަރ އެޗްއާރު ޑިރެކްޓަރ އަމީގު އިސްމާއިލް ވިދާޅުވީ، މި ހަރަކާތުގެ ބޭނުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"މައިގަނޑު މަގުސަދަކީ، މި ގުރޫޕުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާލުން. އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު ޓާންއައުޓެއް ލިބުނު." އަމީގް ވިދާޅުވިއެވެ.
3 މަރުހަލާއަކަށް ކުރިޔަށް ގެންދިޔަ މި އޯޕަންޑޭގެ އެންމެފަހު މަރުހަލާއަކީ، ސީނިއާ މެނޭޖުމެންޓުގެ އިންޓަވިއުއިން އެންމެ ރަނގަޅު ނަތީޖާ ލިބުނު 30 ބައިވެރިންނަށް ގޯލްޑަން ޓިކެޓް އިވެންޓުގައި ބޭނުން ހުނަރެއް ދައްކާލުމުގެ ފުރުސަތެވެ. މި ހަރަކާތުގައި ޖަޖުންގެ ޕެނަލަކުން މާކްސް ދިނުމަށްފަހު އެންމެ ރަނގަޅު 25 ބައިވެރިން ވަނީ ހޮވާފައެވެ.
އަމީގު ވިދާޅުވީ، މި 25 ބައިވެރިން ޝޯޓްލިސްޓު ކުރުމަށްފަހު ވަޒީފާގެ ފުރުސަތު ދޭނެ ކަމަށާއި، ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ކުދިންނަށް އެކަން އަންގަމުންދާނެ ކަމަށެވެ. އަދި ފަހު މަރުހަލާއަށް ނުހޮވުނު ބައިވެރިންނަށްވެސް، ވަޒީފާ ހުސްވަމުންދާ ވަރަކުން ފުރުސަތު ދޭނެކަމަށް ވިދާޅުވިއެވެ.
"އެ ކުދިންނަށް އިސްކަންދޭ ގޮތަށް މިއޮތީ. އަޅުގަނޑުމެންގެ ޑާޓާ ބޭސްއަށް އެޑްކޮށްފައި ފިއުޗަރގައި ހުންނަ ފުރުސަތުތައް ދޭ ގޮތަށް." އަމީގު ވިދާޅުވިއެވެ.
އަމީގު ވިދާޅުވީ، ރެކްރޫޓްމެންޓް އޯޕަން ޑޭގެ ބައިވެރިންނަށް ކުރިޔަށް އޮތްތަނުގައި އެޕްރަންޓިސްޝިޕް ނުވަތަ އިންޓަންޝިޕް ފަދަ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލީޓީ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.