ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި މަޝްރޫއު ކުރިއަށް ނުގޮސްގެން އެއްބަސްވުން ބާތިލުކުރިއިރު، އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި އަދަދުން 59 މިލިއަން ރުފިޔާ އަނބުރާ ހޯދިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް ވީ މުއްދަތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދައުލަތުން 65.99 މިލިއަން ރުފިޔާ ދޫކުރިއެވެ. ނަމަވެސް އެއްބަސްވުން ބާތިލުކުރިއިރު އަނބުރާ ލިބިފައިވަނީ އެންމެ 6.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ދޫކުރި އެޑްވާންސް ފައިސާގެ 90 ޕަސެންޓް ނުވަތަ 59 މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް އަނބުރާ ލިބިފައެއް ނުވެއެވެ.
ޖުލައި 2022 ގައި 439.9 މިލިއަން ރުފިޔާއަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދުގެ ހިއްސާ އޮންނަ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ "ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާއެވެ. މި މަޝްރޫއުގައި ހިމެނެނީ ކޮމާޝަލް އަދި ޕާކިން ޖާގައާއެކު އަޅާ 1،000 އަކަފޫޓުގެ، 11 ބުރީގެ އިމާރާތްތަކެކެވެ.
ނަމަވެސް، އިމާރާތްތަކުގެ ތަނބުތައް އެޅުމަށްފަހު މަސައްކަތް ހުއްޓިފައި އޮތުމުން މިދިޔަ އަހަރު ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންޓްރެކްޓް ބާތިލުކުރިއިރު ނިމިފައިވަނީ މުޅި މަޝްރޫއުގެ އެންމެ 18.74 ޕަސެންޓް މަސައްކަތެވެ. މި މަޝްރޫއު އަލުން ނިންމުމަށްޓަކައި އޮގަސްޓް 2025 ގައި އެޗްޑީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން މިހާރު ވަނީ ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި މި މަސައްކަތް ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ނުހޯދައި ދޫކޮށްލުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއްކަން ފާހަގަކޮށް، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.