ދައުލަތުގެ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށްޓަކައި، ސިވިލް ސަރވިސް އަދި ދައުލަތުގެ މުވައްޒަފުންގެ އަދަދު އަހަރުން އަހަރަށް އިތުރުވާ މިންވަރު ހިފަހައްޓައި، ޕެންޝަން ނިޒާމަށް އަވަސް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އޮޑިޓް އޮފީހުން ހުށަހެޅި ލަފާގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ހިނގާ ޚަރަދު ހަލުވި ދުވެއްޔެއްގައި މައްޗަށް ގޮސް، 2027 ވަނަ އަހަރު ނިމޭއިރު އެ އަދަދު 14.42 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު މި ޚަރަދު ބޮޑުވާ މައިގަނޑު ސަބަބަކީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރަތަކަށް ގެންނަ ބަދަލުތައް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
People's Majlis@mvpeoplesmajlis2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން



ދައުލަތުގެ ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ވާތީ، މުވައްޒަފުން އިތުރުކުރުން ކޮންޓްރޯލްކޮށް، މިހާރު ތިބި މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު ނުވަތަ އެފިޝިއަންސީ މަތިކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ޕެންޝަނަށް ކުރާ ހޭދަ އަހަރުން އަހަރަށް ބޮޑުވަމުންދާ މައްސަލައަށްވެސް އޮޑިޓް އޮފީހުން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޕެންޝަނަށް 2.61 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބޭރުން އެކި މުއައްސަސާތަކުން ވަކިވަކި ޕެންޝަން ސްކީމުތައް ހިންގުމަކީ ދައުލަތުގެ ބުރަ ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރިއެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކާ ޙަވާލާދީ އޮޑިޓް އޮފީހުން ބުނީ، މިހާރު އޮތް އުޞޫލުން މި ނިޒާމު ކުރިއަށްދާނަމަ، 2042 ވަނަ އަހަރު އަންނައިރު ޕެންޝަން ޚަރަދު 4 ބިލިއަނަށް އަދި 2055 ވަނަ އަހަރާ ހަމައަށްދާއިރު 7.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށްޓަކައި ޕެންޝަން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ދެނެގަނެ، އެކަންކަން ތަންފީޒުކުރުން އަވަސްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.