ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ދައުލަތުގެ ބަޖެޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރުމާއެކު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަވަސްކުރުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ލަފާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭއިން ހުށަހެޅި މާލީ ލަފާގައި ބަޔާންކޮށްފައިވަނީ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ނުވަތަ ދަރަނި 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ހަތް އިންސައްތަކަން ފާހަގަކޮށް، މެދު ރާސްތާގެ މާލީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ދައުލަތުގެ މާލީ ސިޔާސަތުތައް އިޞްލާޙުކޮށް، އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމާއެކު ޚަރަދުތައް ކުޑަކުރުން މުހިންމު ކަމަށް މަރުކަޒީ ބޭންކުން ވަނީ ބާރުއަޅާފައެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓު ސަބްސިޑީ ޙައްޤުވެރިންނަށް އެކަނި ލިބޭނެހެން އަމާޒުކުރުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް އަވަސްކުރުމުގެ އިތުރުން، ޞިއްޙީ ދާއިރާގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ޢުމްރާނީ އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ފުންކޮށް ރިޢާޔަތްކޮށް، މިވަގުތަށް އެންމެ މުހިންމު އަދި އަސާސީ މަޝްރޫޢުތަކަށް އިސްކަންދީގެން މަސައްކަތްތައް ތަރުތީބުކުރުމަށްވެސް މަރުކަޒީ ބޭންކުގެ ލަފާގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުން 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ބޮޑުބައެއް ޙިއްޞާކުރަނީ ރިކަރަންޓް ޚަރަދެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި، ޕެންޝަނާއި އެހީގެ ފައިސާގެ އިތުރުން ސަބްސިޑީތަކަށް އެކަނިވެސް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.