ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށްޓަކައި، މި މަހުގެ 19 ވަނަ ދުވަހަކީ ސުންގަޑި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ކަނޑައަޅައިފިއެވެ.

މަސައްކަތްތަކުގެ ތާވަލު އެކުލަވާލަމުން ކޮމިޓީން ވަނީ، ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުން މި މަހުގެ 9 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ. މީގެއިތުރުން، މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަށް ކޮމިޓީއަށް ހާޒިރުކުރާނެ ދުވަހަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް، އަދި ވަކި ތާރީޚެއް ފައިނަލްކޮށްފައެއް ނުވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި، މިނިވަން މުއައްސަސާތައް ހާޒިރުކުރުމާމެދު ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވީ، އެ މުއައްސަސާތަކުން ބަޖެޓާ މެދު ދެކޭގޮތް ލިޔުމުން ހޯދުމަށްފަހު، ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޓީގެ އިދާރީ މޭޒަށް ދިނުމަށެވެ. އެ ހުށަހެޅުން ފާސްވި ނަމަވެސް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ އެދިވަޑައިގަތުމަކަށް، ކޮމިޓީއަށް ވަޑައިގެން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު މުއައްސަސާތަކަށް ބަންދުނުކުރުމަށް މެންބަރުން އެއްބަސްވެވަޑައިގެންނެވިއެވެ. ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، މުއައްސަސާތަކުން ފޮނުވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު، ބައްދަލުކުރަންޖެހޭ ފަރާތްތަކާ ސީދާ ބައްދަލުކުރައްވާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 9.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ލަފާކުރެވޭ ބަޖެޓެކެވެ. ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް %71.5 ނުވަތަ 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.