ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ލަންޑަން ފެއާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ދަތުރުފަތުރުގެ ތަޖުރިބާތަކުގެ މައުލޫމާތު ހިމެނޭ "ޑެސްޓިނޭޝަން ގައިޑް 2027" ރަސްމީކޮށް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާސިރު އެވެ. މި ގައިޑުގައި ރިސޯޓުތަކާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، ސަގާފީ ކަންކަމުގެ އިތުރުން ރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ވަނީ ހިމަނައިފައެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަބްދުﷲ ޔާސިރު ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މާކެޓުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް ލިބުނު މުހިންމު ވަސީލަތެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ގައިޑް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ގެ ތައްޔާރީތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ. "ސެލެބްރޭޓް ދަ ސަނީ ސައިޑް" ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި އިނިޝިއޭޓިވްގެ ދަށުން އަހަރު ދުވަހުގެ މުއްދަތަށް ސަގާފީ ހަރަކާތްތަކާއި ރިސޯޓުތަކުގެ ހާއްސަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ނިޔަލަށް ލަންޑަންގައި ކުރިއަށްދާ ޑަބްލިޔުޓީއެމް ފެއާގައި ރާއްޖޭގެ 62 ކުންފުންޏަކުން 161 މަންދޫބުން ބައިވެރިވެއެވެ. މިއީ ބައިނަލްއަގްވާމީ ޓުއަރ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ގުޅުން ބަދަހިކޮށް، 2027 ގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.