ރާއްޖޭގެ ބައެއް ޢިމާރާތްތަކާއި އުޅަނދުފަހަރުގައި އަލިފާން ރޯކުރުމަށާއި ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި ޢަލީ ޖުމާންގެ ބަންދުގެ މުއްދަތު، ކްރިމިނަލް ކޯޓުން އިތުރު 15 ދުވަހަށް އިއްޔެ ދަމަހައްޓައިފިއެވެ.
ހއ. ބާރަށު، ކުއްޅަވައްގޭ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، ތަޙުޤީޤަށް އެންމެ ފުރަތަމަ ދިން 12 ދުވަހުގެ މުއްދަތު ހަމަވުމުން، ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކޮށްދީފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމާންގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމާއި އެކަމަށް ހިތްވަރު ދިނުމުގެ ކުށެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި، ސަރުކާރުން އިސްރާއީލުގެ ފަރާތްތަކަށް ބިންތައް ދޫކުރަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލައި، އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ މަސްލަޙަތު އޮންނަ "ރެޑްވޭވް" ފިހާރަ ލޫޓުވުމަށްވެސް އޭނާ ވަނީ ހިތްވަރުދީފައެވެ.
މީގެއިތުރުން، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި، އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ޙަސަންވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. އެ އިމާރާތްތަކުގައި ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓް، އޭގެ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ޑިލީޓްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.