އަދަދު ނޫހުން 28 މާޗު ގައި ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްދިޔަ ތަހުގީގުގައި ހިފެހެއްޓި އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޕާސްވޯޑު ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން އެޕަލް ބްރޭންޑުގެ 4 މެކްބުކްގެ ޕާސްވޯޑު ދިނުމަށެވެ. އެ ތަކެތިން ޑޭޓާ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ އަމުރުގައި ބުނެފައި ވަނީ ބަލައިފާސްކުރެވުނު ތަކެއްޗަކީ ނޫސްވެރިކަމާ ގުޅުންހުރި ތަނަކުން ގެންގޮސްފައިވާ ތަކެތި ކަމަށްވާތީ، އެއީ ޤާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށެވެ. އެހެންކަމުން އެ ތަކެތިން ހޯދާ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޯޓުން ވަނީ އަންގައިފައެވެ.

އިޝްތިހާރު އިޝްތިހާރު

އޭގެ އިތުރުން އެ އަމުރުގެ ދަށުން ހޯދާ ހެކިގަރީނާ ބޭނުންކުރަން ވާނީ އެ އަމުރުގައި ބަޔާންކޮށްފައިވާ މައްސަލައިގައި އެކަނި ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅައިފައެވެ.