އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައިގައި، "މޯލްޑިވްސް ލެޖެންޑް" ލިވްއަބޯޑުގެ ޑައިވަރަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ "މޯލްޑިވްސް ލެޖެންޑް" އާއި "އިންފިނިޓީ އެކްސް" ލިވްއަބޯޑުގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައެވެ. މޫދު އަޑީގެ 18 މީޓަރު އަޑީގައި ހިނގި މި ހަމަނުޖެހުމުގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން ގެސްޓުންނާއި ޑައިވިން ޓީމުގެ މެންބަރުންގެ ބަޔާންތައް ލިޔުމުން ހޯދައިފައިވާ ކަމަށެވެ. އެ އުޅަނދުގެ ޑައިވަރުން މަސައްކަތްކުރީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ އެކު ހިނގި ހަމަނުޖެހުން ހުއްޓުވުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށާއި، އެކަން ބަލައި ނިމެންދެން އެ ލިވްއަބޯޑުގެ ޑައިވަރު ސަސްޕެންޑުކޮށްފައިވާ ކަމަށް މޯލްޑިވްސް ލެޖެންޑުން ބުންޏެވެ. އަދި މި ހާދިސާގެ ތަހުގީގު ހެއްކާއި ހަގީގަތުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިއުމަށް އެ ފަރާތުން ވަނީ ގޮވައިލައިފައެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ އެސޯސިއޭޝަނުން ވަނީ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް އެދިފައެވެ.

ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ކަންކަން ނުކުރުމަށް އެންބީއޭއެމްއިން އިލްތިމާސްކުރެއެވެ. އަދި ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ނުކުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.