އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށާއި މިއީ އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި، ވަރަށް ބާރުމިނުގައި ތިރިއަށް ފޭބި ބޯޓު މަގުގެ އެއްފަރާތުގައި ޖެހި ގޮވައިގެން ދިޔައެވެ. އަދި ބޯޓުގެ ކުދި ބައިތައް ދުރަށް ބުރައިގެން ގޮސް، އަވަށުގެ ބައެއް ގޭގޭގެ ކައިރީގައި އަލިފާން ރޯވިއެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް މި ކާރިސާ ސިފަކުރެއްވީ ނާމާން އަދި ބިރުވެރި ހާދިސާއެއްގެ ގޮތުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޯޓު ވެއްޓިފައިވަނީ މިސައިލެއް ޖެހުނު ފަދަ ގޮތަކަށެވެ. އަދި ބިންގަނޑުން ބޮޑު ސަރަހައްދެއް ވަނީ ކެނޑި ފުންވެފައެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކައިރީގައި އުޅޭ ގާތްގަނޑަކަށް 600 މީހުން އެތަނުން ވަގުތުން ދުރަށް ގެންގޮސް، އެފަރާތްތަކަށް ހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ. މި ހާދިސާގައި ބޯޓުން ބޭރުގައި ހުރި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެއާ ޓްރެފިކް ކޮންޓްރޯލާއި ޕައިލެޓުންގެ މުވާސަލާތީ ރެކޯޑިންގތަކުން ދައްކާ ގޮތުގައި، ބޯޓު ވެއްޓުމުގެ ސިކުންތުކޮޅެއް ކުރިން ބޯޓުގެ ފިޔަގަނޑާއި ބޭރުގައި ގަނޑުފެން ހަރުލަމުންދާ ކަމަށާއި، ގޯސް މޫސުމުގެ ސަބަބުން ބޯޓު ތެޅެމުންދާ ކަމަށް ޕައިލެޓުން އޮތީ އަންގާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކުއްލިއަކަށް އުސްމިން ދަށްވާން ފެށުމުން ޕައިލެޓުން އެމަޖެންސީ ހާލަތު އިއުލާނުކުރިއެވެ. އެންމެ ފަހުން ލިބުނު މެސެޖުގައި ޕައިލެޓު ބުނެފައިވަނީ ބޯޓު ބިމަށް ވެއްޓެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމަށްޓަކައި، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އާއި އެފްއޭއޭ ގުޅިގެން ވަނީ ފުޅާ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގުގައި ބޯޓުގެ ބައިތަކާއި، ފްލައިޓް ރެކޯޑަރ ޑޭޓާ އަދި އެވަގުތުގެ މޫސުމީ ރެކޯޑުތައް އަންނަނީ ދިރާސާކުރަމުންނެވެ.

މި ހާދިސާގައި ދުނިޔެ ދޫކުރި 9 މީހުންގެ ވަނަވަރު އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ.