އިންތިޚާބީ އޮފިޝަލުންނަށް ޖިނާއީ ދަޢުވާ އުފުލާނެކަމުގެ އިންޒާރު ދިނުން ހުއްޓާލުމަށް ޓްރަމްޕްގެ ސަރުކާރަށް ފަނޑިޔާރު އަމުރުކުރައްވައިފިއެވެ.
ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބާ ދިމާކޮށް ވޭތުވެދިޔަ ހަފުތާތަކުގައި ޓްރަމްޕްގެ ސަރުކާރުން ބޭނުންކުރަމުންދިޔަ ބިރުދެއްކުމުގެ އުކުޅުތަކާ ގުޅިގެން، އިންތިޚާބީ އޮފިޝަލުންނަށް ބިރުދެއްކުމާއި އިންޒާރު ދިނުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރަކު ހުކުރު ދުވަހުގެ ރޭ ވަރުގަދަ އަމުރެއް ނެރުއްވައިފިއެވެ.
އަށް ޞަފުޙާގެ މި އަމުރުގައި، "[ސަރުކާރުން] ވޯޓުލުމުގެ ޝަރުޠު ހަމަނުވާކަމަށް ތުހުމަތުކުރާ ފަރާތެއްގެ ވޯޓު ކަރުދާހެއް ކަމުގައި ބެލެވޭ ހަމައެކަނި ސަބަބަށްޓަކައި، ރަޖިސްޓްރީވެފައިވާ އެއްވެސް ވޯޓުލާ މީހެއްގެ ވޯޓު ކަރުދާސް ޕްރޮސެސްކުރުން ހުއްޓާލުމަށް މަޖުބޫރުކުރުމުގެ ގޮތުން، ސްޓޭޓް ނުވަތަ ލޯކަލް އިންތިޚާބީ އޮފިޝަލުންނަށް ނުވަތަ މުވައްޒަފުންނަށް ބިރުދެއްކުމާއި، އިންޒާރުދިނުމާއި، ނުފޫޒު ފޯރުވުމަށް ކުރާ" ކޮންމެ ޢަމަލެއް މަނާކޮށްފައިވެއެވެ.
ކެލިފޯނިއާގެ ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ޓްރީނާ ތޮމްޕްސަން ލިޔުއްވާފައިވެއެވެ: "އިންތިޚާބާ ދިމާކޮށް، ޑީ.އޯ.ޖޭ (ޑިޕާޓްމަންޓް އޮފް ޖަސްޓިސް) އަދި ޑީ.އެޗް.އެސް (ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ) ގެ އިސް ވެރިން ވަނީ، މިހާރު ކުރިއަށްދާ 2026 ގެ މިޑްޓާމް އިންތިޚާބު ހިންގުމުގައި ޙަރަކާތްތެރިވާ ސްޓޭޓް އަދި ލޯކަލް އޮފިޝަލުންނާއި މުވައްޒަފުންނަށް ބިރުދެއްކުމާއި، އިންޒާރުދިނުމާއި، ނުފޫޒު ފޯރުވުމުގެ ކެމްޕޭނެއް ހިންގާފައެވެ."
މި އަމުރު ނެރެފައިވަނީ، ޣައިރު ރައްޔިތުން ވޯޓުލާފައިވާ ކަމަށް ސަރުކާރުން ބުނާ ވޯޓު ކަރުދާސްތައް ވަކިކުރުމަށް ކެލިފޯނިއާ އަދި ވޮޝިންޓަން ފަދަ ސްޓޭޓްތަކަށް މަޖުބޫރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ. މި ހަފުތާގައި ކެލިފޯނިއާގެ އިސްތިއުނާފީ ކޯޓުން ވަނީ ސަރުކާރާ ދެކޮޅަށް ޙުކުމް ކޮށްފައެވެ؛ އަދި ވޮޝިންޓަންގެ މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ.
"ދަޢުވާލިބޭ ފަރާތްތަކުން އެމީހުންގެ މި ޢަމަލުތަކަކީ ޣައިރު ރައްޔިތުން ޤާނޫނާ ޚިލާފަށް ވޯޓުލުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ދަޢުވާކުރި ނަމަވެސް، އެމީހުންގެ މި ޢަމަލުތަކުގެ ސަބަބުން އިންތިޚާބުގެ އިދާރީ ކަންކަމަށް ހުރަސްއެޅި، ޤާނޫނީ ގޮތުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޙައްޤުތައް ގެއްލިގެން ދިޔުމުގެ ފުރުޞަތު އެބައޮތް،" ހުކުރު ދުވަހު ތޮމްޕްސަން ލިޔުއްވާފައިވެއެވެ.
ފަނޑިޔާރުގެ މި އަމުރު ދެމިއޮންނާނީ، އިންތިޚާބު ބާއްވާ ދުވަހަށްފަހު ގާތްގަނޑަކަށް ދެ ހަފުތާ ފަހުން، ނޮވެމްބަރު 16 ގެ ނިޔަލަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކެލިފޯނިއާގެ 58 ކައުންޓީގެ ތެރެއިން 57 ކައުންޓީއެއްގެ އިންތިޚާބީ އޮފިޝަލުންނަށް ވޭތުވެދިޔަ ހަފުތާގައި ސިޓީ ފޮނުވައި، ޤާނޫނާ ޚިލާފަށް ވޯޓުލާ މައްސަލަތަކުގައި ޑީ.އޯ.ޖޭ އިން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް އެއްބާރުލުން ދިނުމަށް ނުވަތަ އެ އޮފިޝަލުން އަމިއްލައަށް ތަޙުޤީޤާ ކުރިމަތިލުމަށް އަންގާފައެވެ.
"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފެޑެރަލް އިންތިޚާބުތަކުގައި ޣައިރު ރައްޔިތުން ވޯޓުލުމަކީ ފެޑެރަލް ޤާނޫނު މަނާކުރާ ކަމެކެވެ،" އޮކްޓޯބަރު 22 ގައި ސެން ބާނަޑީނޯ ކައުންޓީގެ އިންތިޚާބީ އޮފިޝަލަކަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވެއެވެ. "އަޅުގަނޑު މި ސިޓީ ލިޔަނީ މިހާރު ކުރިއަށްދާ ފެޑެރަލް އިންތިޚާބުގެ ނަޒާހާތްތެރިކަން ރައްކާތެރިކުރުމަށް ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދިއެވެ."
ފަސްޓް އެސިސްޓެންޓް ޔޫ.އެސް އެޓަރނީ ބިލާލް އެސައިލީ އެ ސިޓީގައި ލިޔުއްވާފައިވަނީ، ސެން ބާނަޑީނޯ ކައުންޓީގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ "ބެލެވޭ ގޮތުގައި ބިދޭސީން ކަމަށްވާ 1133 މީހުންގެ" ލިސްޓެއް އެ ސިޓީއާއެކު އެއްކަރުދާސް ކޮށްފައިވާނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.