މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މުޅި ރާއްޖޭގައި ހިންގާ އުމްރާނީ މަޝްރޫއުތަކާއި، އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ހަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެކުލަވާލި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑު، "ވަން އެމްޑަބްލިއުއެސްސީ" އިނީޝިއޭޓިވް އެ ކުންފުނީގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވުނު މި ޝަރަފުވެރި ހަފްލާއަކީ، ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތްތަކެއް ދެއްކެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ހަފްލާއެކެވެ.

މި ހަފްލާގައި "ވަން އެމްޑަބްލިއުއެސްސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ވަނަވަނައަށް ހޮވުނު މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު، އެމްޑަބްލިއުއެސްސީގެ ބޯޑުގެ އެކްޓިން ޗެއަރޕާސަން ޢާއިޝަތު ރޫޙީއާއި، ބޯޑު ޑިރެކްޓަރުންގެ އިތުރުން މެނޭޖިން ޑިރެކްޓަރާއި ސީނިއަރ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި އަހަރުގެ އެވޯޑް ނައިޓްގައި ތަފާތު 12 ދާއިރާއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކުރިއިރު، ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 69 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑް ވަނީ އަރުވާފައެވެ.

ހަފްލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިފަދަ ހަފްލާއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ ހުނަރާއި ބުރަ މަސައްކަތް ފާހަގަކޮށް، ކުރިއަށް ދިއުމަށް އެ ފަރާތްތަކަށް އިތުރު ހިތްވަރެއް ދިނުން ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރަކީ މުވައްޒަފުންގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަން ފާހަގަކުރައްވަމުން، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކޮށް، ވަޒީފާގެ މާހައުލަކީ އުފާވެރި ތަނަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ހައްގަކަށްވާތީ، ރައްޔިތުންނަށް އެ ހިދުމަތްތައް މެދުކެނޑުމެއްނެތި، އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ކުންފުނީގެ ތެރެއަށް އިތުރުކުރެވެމުންދާކަން ވެސް މެނޭޖިން ޑިރެކްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.