ރާއްޖޭގެ ކަނޑު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ހަދަންޖެހޭ ދިރާސާތައް މިހާރު ގާތްގަނޑަކަށް ނިމިފައިވަކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ބޭއްވި ގުޅުން ބަދަހިކުރުމުގެ ބައްދަލުވުން “ލެޓްސް ކަނެކްޓް”ގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައަތުގެ ދިރާސާތައް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށެވެ. ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދި ނަމަވެސް، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއްކަމަށް ފަހުމީ ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންކަންކަމަށެވެ.
ކަނޑުގެ އަޑީގެ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއްކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެކަމަށެވެ. އަދި އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެކަމަށް ވިދާޅުވިއެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް މިހާރު ދަނީ ކުރިއަށްކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި މި ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށް، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެކަމަށެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން މި ޕްލާންޓް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މިއީ ކާމިޔާބު މަސައްކަތެއްކަމަށާއި މިއާއެކު ފެން އުފެއްދުމުގެ ޤާބިލްކަން ހަރުދަނާވެގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު