ބޭނުންވި ބޭސް ނުލިޔެދިނުމުން، މަގުމަތިން ފެނިއްޖެނަމަ "ހޭ އަރުވާލާނެ" ކަމަށް ބުނެ ޑޮކްޓަރަކަށް އިންޒާރުދިން މީހަކު ދެ މަހާއި 21 ދުވަހަށް ޖަލަށް ލުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ މ. މުލި، ތޯތާގެ، ފަޔާޒްގެ މައްޗަށެވެ.

ފަޔާޒްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާ ހިނގާފައިވަނީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ފަޔާޒް ޑޮކްޓަރަށް ދައްކަން ދިއުމުންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރެހެމަތުﷲ ލިޔެދިން ބޭސް ކަމުނުދާ ކަމަށާއި، އޭނާ ބޭނުންވަނީ "ޕްރެގަބަލިން" ނަމަކަށް ކިޔާ ބޭހެއް ކަމަށް ބުނެ ޑޮކްޓަރު ގާތު އެ ބޭސް ލިޔެދިނުމަށް އެދުނެވެ. ނަމަވެސް އެ ބޭސް ލިޔެދިނުމަށް ޑޮކްޓަރު ދެކޮޅު ހެދުމުން، ކޮޓަރި ތެރޭގައި އަޑުގަދަކޮށް، އެތަނުން ނުކުންނަމުން މަގުމަތިން ފެނިއްޖެނަމަ ހޭ އަރުވާލާނެ ކަމަށް ބުނެ އޭނާ ވަނީ ޑޮކްޓަރަށް އިންޒާރުދީފައެވެ.

ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ފަޔާޒް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އޭނާގެ އިއުތިރާފުން މި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އޭނާ ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މީގެއިތުރުން، އެ ޖަލު އަދަބު ވަނީ 16,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށް މުލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.