ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ދޫކުރަން ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، އެ ސަރަޙައްދުގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާސްޓަރ ޕްލޭން އެކުލަވައިލުމުގައި ބަލާނީ އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ލިބޭނެ ގޮތްތަކަށާއި، މުސްތަޤްބަލުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ އިންތިޒާމުތަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް ގޯތިތައް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ ބޮޑު އުންމީދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލޭގެ އިޤްތިޞާދީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓްގެ އެގްރީމަންޓްގައި ސޮއިކުރެވިއްޖެނަމަ އެވަރަށް ބޮޑު އިޤްތިސާދެއް އެތަނުގައި އުފެދޭނެ" ކަމަށެވެ. އަދި އޭގެ ސަބަބުން ވަޒީފާގެ ފުރުޞަތުތަކާއި އެކި މަސައްކަތްތަކާއި ވިޔަފާރިތައް އުފެދިގެންދާނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރަސްމާލެއިން ދިވެހިންނަށް ޚާއްޞަވެފައިވާ ބައި ތަރައްޤީކުރުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ތަޞައްވުރެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 800 ހެކްޓަރުގެ ބިން ވަނީ ކާމިޔާބުކަމާއެކު ހިއްކައި ނިންމާފައެވެ. ސަރުކާރުގެ ދުރުރާސްތާގެ އަމާޒަކީ ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ތެރޭގައި އެ ބިމުން 150،000 މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
މީގެ އިތުރުން ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ޚާއްޞަ އިސްކަމެއް ދީގެން، ތިމާވެއްޓާ ރައްޓެހި "ޒީރޯ-އިމިޝަން" ކޮންސެޕްޓަށެވެ. އެގޮތުން އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވާއިރު، ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް އެންމެ ކުޑަވާނޭހެން އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ބޭނުންވާ ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިވަގުތު ދަނީ އެއްބަސްވުމުގެ ފަހުގެ މަރުޙަލާގެ މަޝްވަރާތައް ބާރަށް ކުރިއަށް ގެންދަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.