ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރެއްވި އިޢުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް 16 ނޮވެމްބަރު 2026 ގެ 12:00 އަށް އިޢުލާނުގައިވާ އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. އެ ވުޒާރާއިން ވިދާޅުވީ ބީލަމުގެ ކުރިން މަޢުލޫމާތު ދިނުމަށް ބާއްވާ ވަކި ބައްދަލުވުމެއް މި ބީލަމުގައި ނޯންނާނެކަމަށެވެ.

ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 02 ޑިސެމްބަރު 2026 ގެ 09:00 ގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައެވެ.

އިޝްތިހާރު އިޝްތިހާރު

ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ އެންމެ ބޮޑު ތަޞައްވުރެވެ.

ރަސްމާލެ ތަރައްޤީކުރުމަށް 1000 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، އެ ރަށް ވެގެންދާނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.

ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 200,000 ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް، މޫސުމީ ބަދަލު ތަކަށް އަހުލުވެރި ތިމާވެއްޓާ ރައްޓެހި މޮޑެލްއަކަށް ތަރައްޤީކުރެވޭ މަޝްރޫޢެކެވެ.

ރަސްމާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެހެން ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރާނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައެވެ. މި މަސައްކަތް ކުރުމަށް އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގެނައުމަށްޓަކައި ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.