ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާ ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ދޫކުރެވޭ އެއްޗެއް ނޫން ކަމަށާއި، މިއީ ޑިވެލޮޕަރުންނާއި ބިމުގެ ވެރިފަރާތްތަކާ ދެމެދު ވެވޭ ޚާއްޞަ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން ހިންގާ މުޢާމަލާތްތަކެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އަބޫދާބީގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް 99 އަހަރަށް ރަސްމާލެ މަޝްރޫޢު ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ވިޔަފާރި މޮޑެލް އާންމުކޮށް ހިނގާގޮތުގެ ތަފްޞީލު ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގައި ބިން އެއްވެސް ފަރާތަކަށް ހިލޭ ދޫނުކުރާ ކަމަށާއި، އޭގެ ބަދަލުގައި އެކަން ހިނގަނީ ބިމުގެ ވެރިފަރާތާއި ޑިވެލޮޕަރާ ދެމެދު އެކުލަވާލެވޭ ފައިދާ ހިއްސާވާފަދަ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރެސިޑެންސީ ނުވަތަ ގޯއްޗާއި ގެދޮރު އެކުލެވޭ ގޮތަށް އެ ތަންތަން ފުރިހަމައަށް ތަރައްޤީކޮށް، ވިއްކުމެވެ.

އިޝްތިހާރު އިޝްތިހާރު

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ލިބޭ އެއްޗެއް ނޫން އެއީ ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތުން އެއްބަސްވުމެއް ހަދަނީ ރެސިޑެންސީ ވިއްކަން. ޑިވެލޮޕަރު އިންވެސްޓްމަންޓް ކެޕިޓަލް ހަމަޖައްސާއިރު، ބިމުގެ ވެރިފަރާތުން ފޯރުކޮށްދެނީ ބިން. އަދި ރެސިޑެންސީ ވިއްކާލުމުން، ދެ ފަރާތަށްވެސް އޭގެ ފައިދާ ލިބޭ،" އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ސިޔާސީ މަސްރަޙުގައި ބަހުސްތަކެއް ހިނގަމުންދާއިރު، ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވަނީ މިފަދަ އިންވެސްޓްމަންޓްތަކުގެ ޙަޤީޤީ ބޭނުމާއި މަންފާ ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.