ކުރިއަށް އޮތް ދުވަސްތަކުގައިވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާނެތީ ރައްކާތެރިވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެދިއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށާއި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްރަށަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ. އަދި ދުންފުހުގެ އަސަރު ކުރިޔަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށެވެ.

Haze has reduced air quality across the Maldives. Those spending extended periods outdoors are urged to take necessary precautions and follow @HPA_MV instructions.

ކޮންމެ އަހަރަކުވެސް، އިރުވައި މޫސުމާއި ދިމާކޮށް ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ދުންފުހުގެ އަސަރު ކުރެއެވެ. ރާއްޖެއަށް މިކަން ދިމާވަނީ، އުތުރު އިންޑިއާއާއި ހިމާލިޔާ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

އިޝްތިހާރު އިޝްތިހާރު

ވައި ނުސާފުވުމަކީ، ނޭވާލާ ނިޒާމުގެ ބަލިތަކާއި ޞިއްޙީ މައްސަލަތައް ހުންނަ ފަރާތްތަކަށް އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. މީގެ އިތުރުން، އާންމުކޮށް ޞިއްޙަތު ރަނގަޅު މީހުންވެސް ގިނަ ވަގުތު ބޭރުގައި އުޅޭނަމަ ކަރުތެރެ ހިރުވުމާއި، ނޭވާލާން އުނދަގޫވުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކޮންމެހެން ދާންޖެހިގެން މެނުވީ ގިނަވަގުތު ބޭރުގައި ނޫޅުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައިވެސް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސްވަނީ، މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ޚާއްޞަކޮށް އުތުރާ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ބޮޑުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރުމާއި ގުޅިގެން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް އިތުރުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑުކަމާއި، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އެންމެންވެސް ބޭރުގައި ކަސްރަތު ކުރުމާއި، ކުޅިވަރު ކުޅުން މަޑުޖައްސާލުމާއި، ބޭރުގައި އުޅޭއިރު އެން 95ގެ މާސްކު އެޅުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ޕިޔުރި ފަޔަރ ބޭނުންކުރަން އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައެވެ.

ދުންފުހުގެ އަސަރު ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ އަށްވެސް ކުރަމުން އެބަދެއެވެ. އެ ގައުމުތަކުގައިވެސް މި ނުރައްކާތެރި ހާލަތާ ގުޅިގެން ރައްޔިތުން ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.