ރާއްޖޭގެ އާންމު ސާފު އުޑުމައްޗާއި މޫދުގެ ހިތްގައިމު މަލަމަތި ގެއްލި، މުޅި ޖައްވުގައި ދުންފުހުގެ ބަނަކަން ހިފާލާފައި މިވަނީ އަހަރުގެ މި ދުވަސްވަރާ ގުޅިފައިވާ މޫސުމީ ވައިގެ ދައުރުވުމުގެ އިތުރުން އަވަށްޓެރި ބައްރުގެ ސިނާއީ މަސައްކަތްތަކާ ހެދި ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެފިއެވެ. މި ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެފައިވާއިރު، މިއީ ސިއްހަތަށް ނުރައްކާ އޮތް ހާލަތެއް ކަމަށް ކަމާބެހޭ އިދާރާތަކުން އިންޒާރު ދެއެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ނަސޫހް އިސްމާއިލް ވިދާޅުވި ގޮތުގައި، މިއީ ވަކި ދުވަސްތަކަކަށް ކުރިމަތިވާ މޫސުމީ ކަމެކެވެ. ރާއްޖެއަށް ކުރިމަތިވާ މި ހޭޒް ނުވަތަ ދުންފުހުގެ މައިގަނޑު އަސްލަކީ އިންޑިއާ ބައްރުގައި އަންދާ ތެލާއި ދެލި (ކޯލް) ފަދަ ފޮސިލް ފިއުލް އަދި ދަނޑުތަކުގައި ރޯކުރުމުން ޖައްވަށް ބުރައިގެންދާ ހިމުން ކުނޑިތަކެވެ. ފިނިމޫސުމުގައި އެ ސަރަހައްދުގެ ތެތްކަން ކުޑަ ވައިގެ ތެރޭގައި މި ކުނޑިތައް ހަރުލައި ހިފެހެއްޓިފައި ހުރުމަށްފަހު، އަހަރު ނިމޭކޮޅު ވައިގެ މިސްރާބު އިރުއުތުރަށް ބަދަލުވެ ބާރުގަދަވުމުން، ސްރީލަންކާ މަގުން ދަތުރުކޮށް ރާއްޖެއާ ދިމާއަށް ފެތުރެނީއެވެ.
ދުންފުހުގެ އަސަރު ދެމިގެންދާ މުއްދަތު ބިނާވަނީ ވާރޭ ވެހޭ މިންވަރާއި ތޫފާންތަކުގެ މައްޗަށެވެ. އެ ސަރަހައްދުގައި އުފެދޭ ތޫފާނަކުން ވައިގެ މިސްރާބު ބަދަލުވެ ވިއްސާރަވެއްޖެނަމަ ޖައްވު އަވަހަށް ސާފުވި ނަމަވެސް، ވިއްސާރަނުވެ އިރުމަތީ ވައި ދެމިހުންނަނަމަ މި ބަނަކަން ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ނަސޫހް ފާހަގަކުރެއްވިއެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއީ މުޅިން އަލަށް ދިމާވާ ކަމެއް ނޫން ކަމަށާއި، ފާއިތުވި ފަސް އަހަރުވެސް މި އަސަރު ފެނިފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގެ ސިނާއީ މަސައްކަތްތައް އިތުރުވުމާއި، އެލްނީނޯ ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭ ވެހޭ މިންވަރު މަދުވުމުން މިފަހުން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
ޖައްވު ނުސާފުވުމަކީ ނޭވާލާ ނިޒާމަށް ނުރައްކާ އޮތް ކަމެއް ކަމަށްވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. ދުންފުހުގެ ސަބަބުން ކެއްސުމާއި، ނޭވާހިއްލުމާއި ކުރުވުން، އަދި ވަރުބަލިކަން އިހުސާސްވުން ފަދަ އުނދަގޫތައް މެދުވެރިވާތީ، ފުއްޕާމޭގެ ބައްޔާއި ހިތުގެ ބަލި އަދި އެލާޖީ ހުންނަ ފަރާތްތަކުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ބޭރުގައި އުޅުން މަދުކުރުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ. އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަސްކުރުމަށާއި، ނުސާފު ވައިގެ ތެރެއިން އަންނަ ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.