ވުޒާރާގެ ސިޔާސަތުތައް ކުރިއަށް އޮތްތަނުގައި އެކުލަވާލާނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމެނިގެންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެވިގެންދިޔަކަމަށެވެ. އަދި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ދިމާވާ ދަތިތައް ދެނެގަނެވިއްޖެކަމަށާއި މި ކޮންފަރެންސްގެ ސަބަބުން މިކަންކަމާމެދު ވާހަކަދެކެވި، ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
މި ޚިޔާލުތަކާއި މަޝްވަރާތައް ކުރިއަށް އޮތްތަނުގައި ވުޒާރާގެ ސިޔާސަތުތައް އެކަށައަޅާ ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހުރިހާ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެންގެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސާތުތަކުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން ތިޔަ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީގޮތުން މިކަންކަން ތަންފީޒުކުރަން" ވަޒީރު
ވަޒީރު ވިދާޅުވީ ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލެވުނީ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަމުގެ ސަބަބުންކަމަށެވެ. މިފަދަ ކޮންފަރެންސެއްގައި ޒުވާނުންގެ އަޑު ހިތްވަރާއެކު ކެރިގެން އިއްވައިދިނީތީ އެކަމާމެދު ފަޚުވެރިވެލައްވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
"ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މިޝިޢާރުގެ ދަށުން މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސް ޚާއްސަކޮށްފައިވަނީ އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.