އަންނަ 2027 ވަނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތް ރަށްރަށުގައި އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް 2027 ވަނަ އަހަރަށް ނިންމަން ޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިހާތަނަށް 43 ރަށެއްގައި ފެނުގެ ނިޒާމު އަދި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނުވާ ކަމަށެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ހުރިހާ ރަށެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ގާނޫނީ ގޮތުންވެސް ޒިންމާއެއް، މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް އަލުން ފަށައި ނިންމުމަށްޓަކައި އެ ކުންފުންޏާ އެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.