އަންނަ 2027 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންނަށް އުފާ ފާގަތި އަހަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް މިއަދުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

ބަޖެޓު ފާސްކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަޖިލިސް މެންބަރުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެ، ބަޖެޓު ފާސްކޮށްދެއްވި ކަމަށްޓަކައި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފަހި، ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ އަދި ތަރައްގީގެ ދުވެލި އެތައް ގުނައަކުން ބާރުވެގެންދާނެ އަހަރަކަށް ކަމަށެވެ.

ބަޖެޓު ކޮމިޓީން ނިންމި ގޮތަށް ފާސްކުރަން ވޯޓަށް އެހުމުގެ ކުރިން، ރިޔާސަތުން އަންގަވާފައިވަނީ މެންބަރުން ހުށަހެޅުއްވި 23 އިސްލާހުގެ ތެރެއިން މަޖިލީހުގެ ގަވާއިދުގެ ޝަރުތު ހަމަވަނީ ހަތް އިސްލާހެއްގެ ކަމަށެވެ. އަދި އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ރިޔާސަތުން ފާހަގަކުރެއްވިއެވެ. ނަމަވެސް ގަވާއިދަށް ފެތޭ އިސްލާހުތަކަށް ވޯޓަށް އެހުމުން، އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެއަށްފަހު ބަޖެޓު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުންނެވެ.

ބަޖެޓުގެ މުހިންމު ބައިތައް

މިއަދު ފާސްކުރި ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަކިން 8.2 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މި ހިނގާ 2026 ވަނަ އަހަރަށް ލިބޭނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެއިތުރުން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.