ރައްޔިތުންގެ މަޖިލީހުން ނިންމުންތައް ނިންމަނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ޖަލްސާގައި މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަކަށް ރިޔާސަތުން ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ވެރިކަން ކުރާ ޕީއެންސީއަށް ދިނީ ވަކި މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.
މަޖިލީހުގެ ތާލާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދަނީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ކަމަށެވެ. އަދި މަޖިލީހުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ރައްޔިތުންގެ އަގުލަބިއްޔަތު އޮތް ގޮތަށް ނިންމާ ނިންމުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުން ނިންމާ ކަންކަމަކީ ސަރުކާރުން ވަކި ގޮތަކަށް ބުނެގެން ނުވަތަ ވަކި ފަރުދަކު ވަކި ގޮތަކަށް ބުނެގެން ނިންމާ ނިންމުންތަކެއް ކަމަށް ނުބުނެވޭނެ ކަމަށް އަބްދުއްރަހީމް އިތުރަށް ވިދާޅުވިއެވެ. މަޖިލީހުގެ މެޖޯރިޓީން ނިންމާ ނިންމުންތަކަކީ ރައްޔިތުން ދެއްވި މެންޑޭޓާ އެއްގޮތަށް ނިންމާ ނިންމުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
2048 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން ހުށަހަޅާ ގާނޫނީ އިސްލާހުތައް މަޖިލީހުން އަވަސް މުއްދަތެއްގެ ތެރޭގައި ފާސްކުރަމުންދާ ކަމަށް ވެރިކަން ކުރާ ޕާޓީން ބުނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ސުޕަ މެޖޯރިޓީ ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.