ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓެންޒޭނިއާގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔޫނިއަންގެ 149 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ހެޔޮވެރިކަމާއި، އިތުބާރާއި، ހަމަހަމަ ފުރުސަތުތަކުގެ މައްޗަށް ބިނާކޮށް މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ގާނޫނުތައް ފާސްކުރުން ނޫންކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ ގޮތް ބަލައި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ އީ-ފާސް ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ ދެފުށް ފެންނަ، ޒިންމާދާރު އަދި ނަޒާހަތްތެރި ނިޒާމެއް އޮވެގެން ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އާންމުން ބައިވެރިކުރުވުމަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި، ފަލަސްތީނާއި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ އާންމު ރައްޔިތުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ސުލްހަވެރި ހައްލުތައް ހޯދުމަށް މަސައްކަތްކުރުމަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.