ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށަށް ގެނައުމަށްޓަކައި އެކުލަވައިލާފައިވާ "ނަފްސާނީ ސިއްހަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިނެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ދެވޭ ނަފްސާނީ ސިއްހަތުގެ ހިދުމަތްތަކާއި ފަރުވާއަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، މުޖުތަމައުގެ ފުރިހަމަ ބައިވެރިވުމާއެކު ދެވޭ ހިދުމަތަކަށް ހެދުމެވެ. އަދި ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ މީހުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނެ ފަދަ ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމުކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

މި ބިލުގައި ހިމެނޭ މުހިންމު މަގުސަދުތަކުގެ ތެރޭގައި، ނަފްސާނީ ބައްޔަކާއެކު އެކި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއިން މެޑިކަލް، ސައިކޮލޮޖިކަލް، އަދި ކޮމިއުނިޓީ ބޭސްޑް އެހީތެރިކަމުގެ އިތުރުން ސައިކޯސޯޝަލް ސަޕޯޓް ފަދަ ކްލިނިކަލް ނޫން އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން، އެ މީހަކު ދިރިއުޅޭ މުޖުތަމައަކުން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގުފަހިކުރުމާއި، އަމިއްލަ އިހުތިޔާރުގައި ފަރުވާއަށް އެދުމުގެ ގާބިލުކަން ނެތް ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ރައްކާތެރިކުރުން މި ބިލުން ލާޒިމުކުރެއެވެ. އަދި ފަރުވާ ދިނުމުގައި ބަލިމީހާގެ ރުހުން ހޯދުމާއި، ރުހުން ނުދެވޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ދުރާލާ ފަރުވާއާމެދު ގޮތް ނިންމުމުގެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކުއްލި ހާލަތްތަކަށް ރިއާޔަތްކޮށް، ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ފަރާތަކަށް ދިމާވާ ކްރައިސިސް ނުވަތަ ޑިސްޓްރެސްގެ ހާލަތްތަކުގައި އަވަސް އެހީ ފޯރުކޮށްދޭނެ "ފަސްޓް ރެސްޕޮންޑަރުން" މުޖުތަމައުގެ ތެރޭގައި ހަރަކާތްތެރިވާނެ ނިޒާމެއް ގާއިމުކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކަކީ ޖަވާބުދާރީވަނިވި ތަންތަނަށް ހެދުމަށްޓަކައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، މުޅި މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ހެޔޮވިސްނުން އަށަގެންނެވުމަކީ ވެސް މި ބިލުގެ މުހިންމު އަމާޒެކެވެ.