ފުވައްމުލަކު ސިޓީގައި ޑްރަގް ކެފޭއެއް ހިންގަމުންދިޔަ ތަނެއް ބަންދުކޮށް، އެ މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، މާދޫގެ، އަހްމަދު ރަޝީދު (32އ) އަދި ފުވައްމުލައް، ދޫޑިގަން، ރޫބީ، މުހައްމަދު ޝާޒް (36އ) އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ފުވައްމުލަކުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 17 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން އިތުރަށް ވިދާޅުވީ، މާދޫގޭގައި އަހްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ، އެތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން އަހްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ މި މަހުގެ 19 ވަނަ ދުވަހު އަމުރުކޮށްފައެވެ.

މީގެއިތުރުން، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ޝާޒް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.