އީރާނުގެ މިނާބް ސިޓީގައި ހުންނަ ޕްރީ ސްކޫލަށް އެމެރިކާ ސިފައިން ދިން މިސައިލް ހަމަލާތަކުގެ މައްސަލަ އީރާނުން އެމެރިކާއާއި ޔޫރަޕް އެތައް ގައުމެއްގެ ކޯޓުތަކަށް ވައްދައިފިއެވެ.
އީރާނު ސަރުކާރުގެ ނައިބް ރައީސް – ލީގަލް އެފެއަރޒް މާޖިދު އަންސާރީ ވިދާޅުވީ، އީރާނުން މައްސަލަ ވައްދާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތަކަށް ކަމަށެވެ.
މިނާބް ޕްރީ ސްކޫލަށް ދިން ހަމަލާގެ އިތުރުން، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލި މައްސަލަވެސް ކޯޓަށް ވައްދާފައި ވެއެވެ.
އީރާނުގެ މިނާބް ސިޓީގައި ހުންނަ ޝަޖާރީހް ތައްޔިބާ ސްކޫލަށް ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު އެމެރިކާ ސިފައިން ވަނީ ފުލުފުލުން ދެބުރެއްގެމަތިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.
އެމެރިކާ ސިފައިން ދިން މި ޓެރަރިސްޓު ހަމަލާގައި އެ ސްކޫލްގައި ކިޔަވަންތިބި 73 ފިރިހެން ކުދިންނާއި، 47 އަންހެންކުދިންނާއި، 26 ޓީޗަރުންނާއި، ސްކޫލްގެ ބަސް ޑްރައިވަރަކާއި ބެލެނިވެރިންނާކު ޖުމްލަ 168 މީހުން މަރުވިއެވެ.
އެމެރިކާ ސިފައިންގެ ހަމަލާގެ ވަރުގަދަކަމުން މަރުވި ބައެއް ކުދިންގެ ހަށިތައްވެސް ނުފެނުނެވެ. ހަށިތައް ކުދިކުދިވެގެންދިޔައިރު ބައެއް ހަށިތައް ވަނީ އަނދައި އަޅިޔަށް ވެގެންގޮސްފައެވެ.
އީރާނުވަނީ މި ޓެރަރިސްޓު ހަމަލާގެ މައްސަލަ އެމެރިކާގެ ކޯޓުތަކަށާއި، ޔޫރަޕްގެ 4 ގައުމެއްގެ ކޯޓުތަކަށް ވައްދާފައި ވެއެވެ. ބައެއް މައްސަލަތައް ބެލުމުގެ މަސައްކަތް ބައެއް ކޯޓުތަކުގައި ފަށާފައި ވާއިރު، ބައެއް މައްސަލަތައް އުޅެނީ ރަޖިސްޓަރީ ކުރުމުގެ މަރްހަލާގައެވެ.
އީރާނު ސަރުކާރުން ބުނަމުންދަނީ، މި ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އެމެރިކާގެ ރައީސް ޓްރަމްޕާއި، އޭނާގެ ސަރުކާރުން އުފުލަން ޖެހޭނޭ ކަމަށެވެ. މިއީ، ސީދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ޖަރީމާތަކެއް ކަމަށެވެ.
ނައިބް ރައީސް – ލީގަލް އެފެއަރޒް މާޖިދު އަންސާރީ ވިދާޅުވީ މިއީ އެމެރިކާއިން ހިންގި ނުބައިނުލަފާ އަދި އުދުވާނީ ޖަރީމާތަކެއް ކަމަށެވެ.
އީރާނު ސަރުކާރުގެ އާއިލާ އަދި އަންހެނުންގެ ކަންކަމާބެހޭ ނައިބް ރައީސް ޒަހްރާ ބިހްރޯޒް އާޒަރު ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި މިނާބް ސިޓީގެ ދެ ސްކޫލަކަށާއި، އީރާނުގެ އެހެން ރަށްތަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި ޖުމްލަ 623 ކިޔަވާކުދިން މަރުވި ކަމަށެވެ.
އީރާނުގެ ޕްރީ ސްކޫލަށް މިސައިލް ހަމަލާދިން މައްސަލަ އެމެރިކާ އަދި ޔޫރަޕްގެ ކޯޓުތަކަށް ވައްދައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.