އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދޭތޯ ކުރަމުންދާ މަސައްކަތުގައި ގަތަރުގެ ވަފުދެއް އީރާނަށް ދަތުރުކޮށް، އީރާނާއެކު އިތުރު މަޝްވަރާތައް ބާއްވައިފިއެވެ.
ތެހެރާނުގައި ދެގަޑިއިރުގެ މަޝްވަރާތައް ބޭއްވުމަށްފަހު ގަތަރުގެ ވަފުދުވަނީ އެނބުރި ގޮސްފައެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ގާރިބްއަބަދީ އީރާނު މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް އެބަދާ ކަމަށެވެ.
އެގޮތުން، ގަތަރު ހިމެނޭހެން މީޑިއޭޓަރުންނާ މުއާމަލާތް ކުރުން އީރާނުން ހުއްޓާނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަތަރުން ގެންދަނީ، އީރާނާއި އެމެރިކާއާއެކު އޮންނަ ޒަމާންވީ ގުޅުމުގެ ބޭނުންކޮށްގެން، މިހާރު އުފެދިގެން އުޅޭ ސަރަހައްދީ މައްސަލަތަކުގައި މަޝްވަރާ ކުރުމަށް މަގުފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ގާރިބްއަބަދީ ވިދާޅުވީ، ގަތަރުގެ ބޭފުޅުންނާ ސީދާ ބައްދަލުކޮށްގެންނާއި އަދި ވާޗުއަލްކޮށްވެސް ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށެވެ.
އެމެރިކައާއި އީރާނާ ގަތަރުން ވާހަކަ ދައްކަމުން ގެންދަނީ ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި އަދި ގަތަރުން އެންމެފަހުން ހުށަހެޅި ޕްލޭނާ ގުޅޭގޮތުންނެވެ.
ހޮރްމޫޒު ކަނޑުއޮޅި ދެދުވަސްތެރޭ ހުޅުވާލަން އީރާނުން ޕްލޭނެއް ހުށަހަޅާފައި ވާއިރު، އީރާނުގެ އެއް ޑިމާންޑަކީ އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލުމެވެ.
ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ވިދާޅުވީ، އީރާނުން ދެކެނީ އެމެރިކާއިން އީރާނަށް އަޅާފައިވާ އިގްތިސާދީ ބްލޮކޭޑަކީ ހަނގުރާމައިގެ އަމަލެއްގެގޮތުގައި ކަމަށެވެ. އަދި އިގްތިސާދީ ބްލޮކޭޑް ނިމުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނޭކަމުގެ އިންޒާރުވެސް ކާޒިމް ދެއްވާފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބުނީ، އީރާނުން އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށާއި، ނަމަވެސް އީރާނުން ހަދަން ބޭނުންވަނީ އޭނާއަށް "ގަބޫލުކުރެވޭ" ފަދަ އެއްބަސްވުމެއް ނޫން ކަމަށެވެ.
ޓްރަމްޕް މިއަދު ބުނީ، އީރާނާއެކު ހަދަން ބޭނުންވަނީ ދާއިމީ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމެއް ވާންޖެހޭނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުލިބޭ އެއްބަސްވުމަކަށް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު