ޕާޝިއަން ގަލްފް މަތިން އުދުހުނު އެމެރިކާގެ ހަނގުރާމަމަތީ ޖެޓަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއެއް ދިންކަން އީރާނު އަސްކަރިއްޔާއިން ކަށަވަރުކޮށް ދީފިއެވެ.
އީރާނު އެއަރ ޑިފެންސުން މިސައިލް ހަމަލާދިނީ އެމެރިކާގެ އެފް-16 ފައިޓަރ ޖެޓަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
އެމެރިކާގެ އަސްކަރީ ޖެޓަށް ހަމަލާދިން ކަމަށް އީރާނުން ބުނެފައިވަނީ އިއްޔެ ހަވީރުއެވެ.
އީރާނުން ފޮނުވާލި މިސައިލް އެމެރިކާގެ ޖެޓާ ގާތުގައި ގޮވުމުގެ ސަބަބުން ބޯޓަށް ގެއްލުންލިބި، ޕައިލެޓަށް ޖެހުނީ ސަލާމަތް ހޯދުމަށްޓަކައި ކައިރީއޮތް ޔޫއޭއީގެ އެއަރޕޯޓަކަށް އިމަޖެންސީކޮށް ޖައްސަން ކަމަށްވެސް ބުނެފައި ވެއެވެ.
އީރާނު އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ ހަނގުރާމައިގެ ޖެޓު ޕާޝިއަން ގަލްފުން އުދުހިފައި އައީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމަށް ކަމަށެވެ.
އެމެރިކާ އަސްކަރިއްޔާގެ އެފް-16 އަސްކަރީ ޖެޓެއް އީރާނު ވައިގެ ސަރަހައްދަށް ވަންނަން އުޅުނު ކަމަށް ފްލައިޓް ޓްރެކިންގ ރިޕޯޓްތައްވެސް ބުނެފައި ވެއެވެ.
އެމެރިކާގެ އަސްކަރީ ޖެޓަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއެއް ދިންއިރު، މިދިޔަ ހަފްތާގައި އީރާނުގެ ޤޭޝްމް އައިލެންޑްގައި ހުރި މިސައިލް އުދުއްސާލާ ސައިޓަށް އެމެރިކާއިން ހަމަލާ ދީފައިވަނީ ޖެޓުތަކުގައި ވަދެއެވެ.
އެމެރިކާގެ އަސްކަރީ ޖެޓަކަށް އަމާޒުކޮށް މިސައިލް ހަމަލާ ދިން ކަމަށާއި، ބޯޓަށް ގެއްލުން ލިބުނު ކަމަށް އީރާނު އަސްކަރިއްޔާއިން ބުނި ނަމަވެސް، އެކަމާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ސެންޓްރަލް ކޮމާންޑުން ގެންދަނީ، އީރާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް އަސްކަރީ ޖެޓުތައް ފޮނުވައި، އީރާނު ރުޅިއަރުވައި މަސްރަހް އިތުރަށް ހޫނުމުގެ މަސައްކަތް ކުރަމުންނެވެ.
ތަޖުރިބާކާރުން ބުނަނީ، އެމެރިކާއިން މަސައްކަތް ކުރަނީ، އީރާނު ރުޅިއަރުވައި އީރާނު ލައްވާ ގޯސްތަކެއް ހަދުވައި އީރާނަށް އަސްކަރީ ހަމަލާތައް ދޭނޭ ހުއްޖަތެއް ހޯދުމަށް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު