އީރާނަށް އަސްކަރީ ހަމަލާދޭން ނުޖެހިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.
ޓްރަމްޕްގެ ވާހަކަތަކާއެކު ސާފު ނުކުރާ ތެޔޮ ފީފާއަކުން 3.49 ޑޮލަރު ވަނީ އަގުހެޔޮ ވެފައެވެ. މިއާއެކު ފީފާއެއްގެ އަގު މިހާރުވަނީ 94.83 ޑޮލަރަށް ތިރިވެފައެވެ.
އެކަމަކު، ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކަށް ކޮންމެ ދުވަހަކު ހަމަލާތައް ދެމުންގެންދާތީ އެކަމުގެ ކަންބޮޑުވުން ތެލުގެ ބަޒާރަށް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ވަސީލަތަކަށް ދިން އިންޓަރވިއުއެއްގައި އެމެރިކާގެ ރައީސް ބުނީ، އީރާނަށް އަލުން ހަމަލާދިނުމަކީ "ވަރަށް ނާދިރު ކަމެއް" ކަމަށެވެ. އެކަމަކު ހަމަލާ ދޭން ޖެހިއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނޭކަމުގެ އިންޒާރުވެސް ޓްރަމްޕް ދީފައި ވެއެވެ.
އެމެރިކާގެ ރައީސް ބުނީ، އީރާނަށް ހަމަލާދިނުމާއި ނުދިނުން ބިނާވެފައިވަނީ ވަރުގަދަ އެއްބަސްވުމެއްގައި އީރާނުން ސޮއިކުރުމުގެ މައްޗަށް ކަމަށެވެ.
އީރާނުންވަނީ، ދެދުވަސްތެރޭ ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލުމުގެ ޕްލޭނެއް އެމެރިކާއަށް ހުށަހަޅާފައެވެ. އީރާނުގެ ޕްލޭނާ ގުޅޭގޮތުން ގަތަރު މެދުވެރިކޮށް އެމެރިކާއާއި އީރާނުން މެސެޖްތައް ބަދަލުކުރަމުން ދާއިރު، އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ މިއަދުވެސް ވިދާޅުވީ، އިހަށްދުވަހުގެ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުން ސަރުކާރަށް ދިން މެސެޖާއެކު، އީރާނުގެ ހުށަހެޅުމަށް އިޚްލާސްތެރި ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ.
ބަގާޔީ ވިދާޅުވީ، އީރާނުގެ ހުށަހެޅުމަކީ ހެޔޮއެދުމުގެ ހުށަހެޅުމެއް ކަމަށާއި، އީރާނުގެ ޕްލޭނަކީ ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުމާއި، ޕާޝިއަން ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަން އަލުން ގާއިމްކުރުމަށް އެންމެ ލޮޖިކަލް ޕްލޭން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު