ނުކުޅެދުންތެރިކަން ހުންނަ 500 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ އަމާޒެއް ކަނޑައަޅައިގެން ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ފިނޭންސް މިނިސްޓްރީން އެންގި އެންގުމާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ވަޒީފާއިން ވަކިކުރޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ތެރެއިން ވިޔަސް ނުވަތަ އެހެން އެއްވެސް ގޮތަކުން ވިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ދީފައިވާ ވަޒީފާއެއް ގެއްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަން ވަގުތުން ރަނގަޅު ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 500 ފަރާތަކަށް ވަޒީފާ ދިނުމުގެ ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތްތަކެއް ވެސް އެބަ ކުރެވޭ މިހާރު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން.
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ފަހި މަގުތަކެއް ތަނަވަސްކޮށްދިނުން ކަމަށެވެ.
މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ތަފާތުކުރުންތައް އަދިވެސް އޮތް ނަމަވެސް، މި ސަރުކާރުން އަންނަނީ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ މުޖުތަމަޢުގެ އިސް ސަފަށް އެފަރާތްތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.