ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމްދީނުގެ ހަމަތައް ފުރިހަމައަށް ރައްކާތެރިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ދާއިރާއަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރެގިއުލޭޓްކޮށް ތަރައްގީކުރަންޖެހޭ މުހިންމު ދާއިރާއެއް ކަމަށެވެ. މީގެއިތުރުން، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އެކި ފަރާތްތަކާ ހަވާލުކޮށްގެން ރައްޔިތުންނަށް ލިބެމުންދާ މާލީ ގެއްލުންތަކާއި، މަޝްރޫއުތައް ނުނިމި ހުއްޓުމުގެ ސަބަބުން ވާ މަކަރާއި ހީލަތްތަކަށް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބިލުން ގެދޮރު ބިނާކުރާ ފަރާތްތަކާއި، ބިމުގެ ވެރިން އަދި ގަންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެ، މާލީ މުއާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ރަސްމާލޭގެ އީގަލް ހިލްސް ފަދަ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިފަދަ ޒޯންތައް މާސްޓާ ޑިވެލޮޕަރުންނަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 99 އަހަރަށް ކަމަށެވެ. އަދި ބިމުގެ ޕްރިމިއަމްގެ ގޮތުގައި އާމްދަނީގެ މަދުވެގެން 10 އިންސައްތަ ދައުލަތަށް ދައްކަންޖެހޭއިރު، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް އަދި ޓީޖީއެސްޓީވެސް ދައުލަތަށް ލިބޭނެ ކަމަށެވެ. މިއީ ދައުލަތުގެ ދަރަނި ދެއްކުމަށާއި ތަރައްގީގެ ކަންކަމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ލިބޭ ބޮޑު ބާރެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ބިލުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަސް އިމްޕޯޓްކުރުމާއި ވިއްކުން މުޅިން މަނާވާނެ ކަމަށެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިއާރު ފާޅުކުރުމާއި، ޖުވާކުޅުން ފަދަ އިސްލާމީ ޝަރީއަތާ ޚިލާފު ކަންކަން ހިންގުން ބިލުން ވަނީ ކަނޑައެޅިގެން މަނާކޮށްފައެވެ.

ހަމައެއާއެކު، އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަމަށާއި، ކަމާބެހޭ އިދާރާތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރަން ޖެހޭނީ ޑިވެލޮޕަރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މަޝްރޫއުތައް ހިންގުމުގައި ދިވެހި ވިޔަފާރިތަކަށާއި ވަޒީފާގެ ފުރުސަތުތަކުގައި ދިވެހި މުވައްޒަފުންނަށް އިސްކަންދިނުން މި ބިލުން ލާޒިމުކުރެއެވެ. ރައީސް ވިދާޅުވީ މި ބިލުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން ޖިނާއީ ދައުވާވެސް އުފުލޭނެ ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރު އެ ސަރަހައްދުތަކުގައި ފުރިހަމައަށް ހިނގާނެކަން ކަށަވަރުވެގެންދާނެ ކަމަށެވެ.