ހއ. ދިއްދޫގެ އިތުރުން މުޅި އެ ސަރަޙައްދުގެ އިޤްތިޞާދާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ ދިއްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މި މަޝްރޫޢަށް ބޭނުންވާ 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ވަނީ އެންމެ 50 ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ބޮޑު މަޝްރޫޢަށް ބިން ހިއްކުމަށް ބޭނުންކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ "ލެއިވް އެރިކްޝަން" ނަމަކަށް ކިޔާ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެއާޕޯޓު އެޅުމަށްޓަކައި ބައުންޑްރީ ޖެހުމުގެ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއާޕޯޓުގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދިއްދޫގައި ތަރައްޤީކުރާ މި ޑޮމެސްޓިކް އެއާޕޯޓުގައި މަދުވެގެން 1،500 މީޓަރުގެ ރަންވޭއަކާއި، ޒަމާނީ ޕެސެންޖަރ ޓާމިނަލެއްގެ އިތުރުން އެއާޕޯޓަކަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން، ހިއްކި ބޮޑު ބިމުން އެއާޕޯޓަށް ނަގާ ބައި ފިޔަވައި ބާކީ ބިން، ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި އެއާޕޯޓަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގައި 15 އެއާޕޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި ނެރުއްވި ޤަރާރުގައި ހިމެނޭ އެއާޕޯޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، މި އެއާޕޯޓަކީ މުޅި އަތޮޅުގެ ދުރު ރާސްތާ ތަރައްޤީގެ ޕްލޭނާ ގުޅިފައިވާ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅު ހިމެނޭހެން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ޤާއިމުކުރުމަށް ސަރުކާރުން ރާވާފައިވާއިރު، ދިއްދޫ އެއާޕޯޓަކީ އެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ މައިބަދައެކެވެ. މީހުން ދިރިއުޅޭ 14 ރަށާއެކު 16،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ހއ. އަތޮޅުގައި މިހާރު ޚިދުމަތް ދެމުން އަންނަނީ ހޯރަފުށީ އެއާޕޯޓުން އެކަންޏެވެ. ނަމަވެސް ދިއްދޫގައި އެއާޕޯޓެއް އެޅުމުން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ލުއިފަސޭހަވެ، އެ ބިތުގައި ހިމެނޭ ވަށަފަރާއި، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމު ފަދަ ރަށްތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ.