ހއ. ދިއްދޫގައި އިތުރު 25 މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްގެންނެވެ.

ހއ. ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ 2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަަށް ގެންގޮސްފައެވެ. ނަމަވެސް ބައެއް މަގުތައް ހަލާކުވުމުގެ ސަބަބުންނާއި އަދި ރަށުގެ ބޮޑުބައެއް އަލަށް ހިއްކާ، މީހުން ދިރިއުޅެން ފެށުމުން އެސަރަހައްދުގެ މަގުތަކުގައިވެސް ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ދިއްދޫގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މައި 25 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން، ދިއްދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ ޖުމްލަ 19 މަގެއްގައި ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި ރަށުގެ ބަނދަރު މަގުން ފެށިގެން، މައި މަގުތަކާއި، އަލަށް ހިއްކި ސަރަޙައްދުގެ މަގުތައްވެސް ހިމެނޭކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ކުރީ ސަރުކާރުންވެސް ދިއްދޫ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންގޮސްފައިވެއެވެ. އެ މަސައްކަތް އޭރު ކުރިއަށްގެންގޮސްފައިވަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ދިއްދޫގެ 14 މަގެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބައެއް މަގުތައް މަރާމާތުކުރަން ޖެހޭ ޙާލަތަށް ގޮސްފައިވާކަމަށާއި، ތަފާތު މައްސަލަތައް ވަކިން ޚާއްސަކޮށް ރަށުގެ ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާކަން ދިއްދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

މިފަހަރުގެ މަޝްރޫޢަކީ މިފަދަ ކަންކަން ތަކުރާރުނުވާނެހެން ރަށުގެ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

4700 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި، ދުވާލެއްގެ މައްޗަށް އެކި ބޭނުންތަކުގައި ގިނަ ބަޔަކު އަރާފައިބާ ރަށެކެވެ.

އެހެންކަމުން ރަށުގެ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ވެގެންދާނީ، ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އަރާފައިބާ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

ހަލާކުވެފައިވާ މަގުތަކުގައި އަޑިގުޑަންތައް ގިނަވުމާއި، ވާރޭވެހޭ ވަގުތު ފެންބޮޑުވުމާއި މަގުތައް ޗަކަވުމުގެ ސަަބަބުން އާއްމި ރައްޔިތުންނަސް ގިނަ އުނދަގޫތަކަކާއި އަދި ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން މި އުނދަގޫތަކުންނާއި ނުރައްކާތަކުން އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންދާނެއެވެ.