ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ ދިވެހީންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އާންމުކޮށްފިއެވެ.
މި މައްސަލައަކީ އަޕާ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ހިނގާފައިވާ ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސީރިއަސް މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ގޮސް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 35 އަހަރާ ދެމެދުގެ ނުވަ ފިރިހެނުންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މުހައްމަދު މައިސަން ޝިޔާޒާއި، 24 އަހަރުގެ އަހުމަދު އިފްތިޝާމް ޒަރީރާއި، 35 އަހަރުގެ ނަޖުމުﷲ ހަސަންގެ އިތުރުން 24 އަހަރުގެ އާޒިމް މުފީދެވެ. މީގެ އިތުރުން 31 އަހަރުގެ އަލީ ހުޒާމް ސައީދާއި، 26 އަހަރުގެ މުހައްމަދު ސޯލިހު އަހުމަދާއި، 20 އަހަރުގެ އަހުމަދު ނޫހު ނިޔާޒާއި، 20 އަހަރުގެ މުހައްމަދު މިޝަލް އަހުމަދު ޒުހައިރު އަދި 32 އަހަރުގެ އަހުމަދު ސާނިޖު ސޯދިގުވެސް ހިމެނެއެވެ.
ފުލުހުން ބުނީ މި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 223 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.