ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަމާއި ހުނަރު އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަރަށް ކުލަގަދަކޮށް ފެށުމަށް ހަމަޖެހިއްޖެއެވެ. މުޅި ސެންޓްރަލް ޕާކު އެއްކޮށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މައުރަޒަކީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 9 ދުވަހުގެ މުއްދަތަށް މި މައުރަޒު ކުރިއަށްދާނެއެވެ.

މިއަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓަރީކޮށްފައިވާއިރު، އޭގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ކުރިއެރުމެކެވެ. ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ. މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ސަގާފީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާގެ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އުފެއްދުންތަކެއް ވަނީ ބައިވެރިކޮށްފައެވެ. މައުރަޒުގެ ވާދަކުރުމުގެ ބައިން ވަނަތަކަށް ހޮވުނު 134 ބައިވެރިއަކަށް 298 އެވޯޑު ދީފައިވާއިރު، މީގެ ތެރޭގައި އެއްވަނަ ހޯދި 116 ފަރާތާއި، ދެވަނަ ހޯދި 95 ފަރާތާއި، ތިންވަނަ ހޯދި 82 ފަރާތުގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މިއަހަރުގެ މައުރަޒު އިންތިޒާމުކޮށްފައިވަނީ ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އެއީ:

މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް
އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް
ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް
މުނިފޫހިފިލުމާއި ދިވެހި ސަޤާފީ ޙަރަކާތްތަކަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްޞަ، މާކެޓްޕްލޭސް ޑިސްޓްރިކްޓް
ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް
ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް
މުޅިން އަލަށް ތަޢާރަފްކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުން 20 ފަރާތަކަށް ފުރުޞަތު ދީފައިވާއިރު، މީގެ މައިގަނޑު އަމާޒަކީ ރަށު ފަތުރުވެރިކަން ޕްރޮމޯޓްކުރުމެވެ. މި ޑިސްޓްރިކްޓުގައި ކ. އަތޮޅު، ފުވައްމުލަކު ސިޓީ، ބ. އަތޮޅު، ޅ. އަތޮޅު އަދި އަރިއަތޮޅުގެ ދެބައިން ބައިވެރިވެއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓްގެ ތެރެއިން ބޭރުގެ ކުންފުނިތަކާ ގުޅިގެން ދިވެހި ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކުރުމަށާއި، ބޭރުން ލިބެންހުރި ޒަމާނީ ފުރުޞަތުތައް ދިވެހި އުފެއްދުންތެރިންނަށް ތަޢާރަފްކުރުމަށް ވަނީ މަގުފަހިކޮށްދީފައެވެ.

މައުރަޒުގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި ވާހަކަދައްކާލުމަށް ޚާއްޞަ ތަންތަން ޤާއިމުކޮށްފައިވާއިރު، މިއީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދާއިމީ ކަސްޓަމަރުންނާއި ރޯމެޓީރިއަލް ފަސޭހައިން ހޯދުމަށް ހުޅުވިގެންދާ އަގުހުރި ފުރުޞަތެކެވެ.