ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުން ސޮއިކޮށްފިއެވެ.

ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ. މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.

މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ފުލުހުން ބުންޏެވެ. އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 23 ގައި ސޯލްގައި ގާއިމުކުރި އައިއައިސީއޭ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ހާއްސަ އިއްތިހާދެކެވެ.

އިޝްތިހާރު އިޝްތިހާރު

މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ. މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށްހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައެވެ.