ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނުވަ ދިވެހީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އަޕާ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އަނިޔާލިބުނު ފަރާތްތަކުގެ ކަރާމާތާއި ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ހާދިސާ ހިނގި ރަށާއި ހައްޔަރުކުރެވުނު މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި އިދާރާއިން ބަލަމުންދާ މައްސަލައެއް ކަމަށާއި، ތަހުގީގު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.