ޒަމާނީ އީޖާދުތަކާއެކު ދުނިޔޭގެ އެހެން ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގެ ކުށުގެ ވެށިވެސް މިހާރު ދަނީ މުޅިން ބަދަލުވަމުންނެވެ. ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކުން އުކުޅުތައް އާކޮށް، މައިގަނޑު ވަސީލަތަކަށް ޒަމާނީ ވަސީލަތްތައް ހަދަމުންދާއިރު، މީގެ އެންމެ ސާފު ހެއްކަކީ ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ ޢަމަލުތައް އިންތިހާއަށް އިތުރުވެ އެތައް ބަޔަކަށް މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހުމެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް މިފަދަ އޮޅުވާލުމުގެ މައްސަލަތައް ވަނީ ނުހަނު ކަންބޮޑުވާންޖެހޭ މިންވަރަކަށް ފުޅާވެފައެވެ. ކޮންމެ އަހަރަކު އެކި ޤައުމުތަކުން ބިލިއަނުން ޑޮލަރު މީހުންގެ އަތުން ފޭރެމުންދާއިރު، ރާއްޖެފަދަ އާބާދީ ކުޑަ މާޙައުލެއްގައިވެސް މި ނުރައްކާ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ވިއުގަތަކާއި އިންޓަނެޓް ބޭނުންކޮށްގެން ހިންގާ މި ކުށްތަކަކީ އަބަދުވެސް ޒާތު ބަދަލުވަމުން އަންނަ ކަންކަމަށްވުމުން، މިފަދަ ކުށްވެރިން ހޯދައި ދެނެގަތުމަކީ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޙުޤީޤީ އިދާރާތަކަށްވެސް ފަސޭހަ ކަމަކަށް ނުވެއެވެ.

ދިވެހިރާއްޖެފަދަ ވަކިވަކި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ މުޖުތަމަޢެއްގައި މިފަދަ ކަންކަން ޢާންމުވުމަކީ ކޮންމެ ރައްޔިތެއްގެވެސް ރައްކާތެރިކަމަށް އޮތް ގޮންޖެހުމެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކަނިވެސް އެންޓި-ސްކޭމް ސެންޓަރަށް މިފަދަ 544 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6 މައްސަލައެވެ. މި ހުރިހާ މައްސަލަތަކުގައި ޖުމްލަ 5،256،101.97 ރުފިޔާގެ މާލީ ގެއްލުން ޢާންމުންނަށް ލިބިފައިވާކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

އިޝްތިހާރު އިޝްތިހާރު

މިފަދަ ޙާދިސާތަކުގައި ގިނައިން ގެއްލިގެންދަނީ އެތައް ދުވަހެއްގެ ބުރަ އުޖޫރައިން ރައްކާކޮށްފައި ހުންނަ ފައިސާއެވެ. މި ނުރައްކަލުން އެއްވެސް ފަރުދަކު އިސްތިސްނާވެފައި ނުވާއިރު، އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ފެންވަރުގައި ސަމާލުވާންޖެހެއެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ ޢަމަލުތައް ޢާންމުކޮށް ހިންގަނީ ފޯނު ކޯލްތަކުގެ ޒަރީއާއިން ނުވަތަ ކަށަވަރުނުވާ ލިންކުތައް ފޮނުވައިގެންނެވެ. ނޭނގި ނަމަވެސް އެފަދަ ލިންކަކަށް ވަދެވިއްޖެނަމަ، ފޯނުގައި ހުންނަ ސިއްރު މަޢުލޫމާތުތައް ކުށްވެރިންގެ އަތްދަށަށް ދެއެވެ. ގިނަފަހަރަށް މިފަދަ މަޢުލޫމާތެއް ބީވެގެންދިޔަކަންވެސް އެނގެނީ ބޭންކު އެކައުންޓުގައި ހުރި ފައިސާ ކެނޑިގެން ދިޔުމުންނެވެ. އެހެންކަމުން، ކިތަންމެ ގާތް ރަޙުމަތްތެރިއެއް ނުވަތަ މަޝްހޫރު ވިޔަފާރިއެއްގެ ނަމުގައި އައި ކަމުގައިވިޔަސް، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭ ލިންކުތަކުގެ އަސްލު ޔަޤީންނުވާނަމަ ނުވަނުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ އިރުޝާދު ދެމުންނެވެ.

މިދިޔަ އޮގަސްޓް މަހު ފުލުހުން ޢާންމުކުރި ހިސާބުތަކަށް ބަލާއިރު، ގިނަ ސްކޭމްތައް މިހާރު ރާވައި ހިންގަނީ އިޖުތިމާޢީ މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި ފޭސްބުކް މާކެޓް ޕްލޭސް އާއި ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ދިވެހިންގެ މެދުގައި ޢާންމުވެފައިވާ އެތައް މަންސައެއް ހިމެނެއެވެ.

މި ބާވަތުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރަކުވެސް ގެއްލޭ ފައިސާގެ ތެރެއިން ބޮޑު ޢަދަދެއް ފުލުހުންގެ މަސައްކަތުން ހޯދައިދިން ނަމަވެސް، މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަކީ ހަމައެކަނި ތަޙުޤީޤީ އިދާރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ.