މިދިޔަ ހަފުތާ ސްކޭމްގެ 28 މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމާއި ގިނަ ސްކޭމްތައް ކޮށްފައި ވަނީ ސޯޝަލް މީޑިއާގެ މެދުވެރިކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވައިބަރ ނުވަތަ އެހެނިހެން ސޯޝަލް މީޑިއާގެ މަންސައަކުން ކޮމްޕްރަމައިޒްކޮށް އޮޅުވާލައިގެން އެހެންމީހަކަށް ހެދިގެން ހިންގާ ސަކޭމްތައް އިތުރުވަމުންދާ ކަމަށެވެ. މިފަދަ ސްކޭމްތަކުގައި ސްކޭމަރުން އޯޓީޕީ ނުވަތަ ލޮގިން ކޯޑް އޮޅުވާލައިގެން ހޯދުމަށްފަހު އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހެއްގެ ކޮންޓެކްޓް ލިސްޓަށް މެސެޖްކޮށް ފައިސާ ހޯދުމަށް މަސައްކަތް ކުރެއެވެ.

އެހެންކަމުން މިފަދަ މެސެޖެއް ލިބިއްޖެނަމަ އެއީ ސައްހަ މެސެޖެއްތޯ ޔަޤީންނުކޮށް ފައިސާ ނުފޮނުވަމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ހަމަ އެގޮތަށް އޯޓީޕީ ނުވަތަ ލޮގިން ކޯޑް އެހެން މީހަކަށް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ވިދާޅުވީ، ނިމުން ހަފުތާ ޖުމްލަ 28 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށައަޅާފައި ކަމާއި، އާންމުންގެ އަތުން 297،488 ރުފިޔާ ގެއްލިފައިވާކަމަށެވެ. މިކަމާގުޅޭ އިދާރާތަކާއި ބޭންކުތަކުގެ އެހީގައި 187،894 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. އެއީ މި މައްސަލައިގައި ގެއްލުނު %58.5 އެވެ.

ސްކޭމަތަކުގެ ބާވަތްތައް:
• އީ-ކޮމާސް: 9
• ފައިސާ މާރުކުރުން: 9
• ބުކިންގ ކެންސަލް / ރިފަންޑް: 4
• އޮޅުވާލައިގެން އެހެން މީހަކަށް ހެދުން: 3
• ހުއްދަ ނެތް ޓްރާންސެކްޝަން: 2
• އިންވެސްޓްމަންޓް: 1

ސްކޭމްކުރުމަށް ބޭނުންކުރާ އުކުޅުތައް:
• އޮންލައިން މެސެޖިން މަންސަތައް
• އައިބޭ
• ޓިކްޓޮކް
• ފޯން ކޯލް
• ފިޝިންގ ލިންކް
• ފޭސްބުކް މާރުކޭޓްޕްލޭސް

ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތަކާއި އީ ކޮމާސް ސަކޭމްތައް، މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮތް އެކްސްޗޭންޖުތައް އެކަނި ބޭނުން ކުރުމަށްވެސް ވަނީ އެދިފައިވެއެވެ. އަދި މިފަދަ މެސެޖެއް ލިބިއްޖެނަމަ އެއީ ސައްހަ މެސެޖެއްތޯ ޔަޤީންނުކޮށް ފައިސާ ނުފޮނުވަމަށް ވަނީ އިލްތިމާސްކޮށްފައެވެ.