ވ. ފެލިދޫގައި ޤާއިމުކުރާ އައު ޕޮލިސް ސްޓޭޝަން ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ފެލިދޫ ޕޮލިސް ސްޓޭޝަންގެ މައި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓްގެ މަސައްކަތްތައް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.
ފެލިދޫގައި ޒަމާނީ ފެންވަރަށް ބިނާކުރާ މި ޕޮލިސް ސްޓޭޝަނުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ އަތޮޅުގައި އަމަންއަމާންކަން ޤާއިމުކުރުމަށާއި، ކުށް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ފެންވަރު ރަނގަޅުކޮށް މަޝްރޫޢުގެ މަސައްކަތްތައް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.