އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާ، އޮޑިގޯ އެޕާ ގުޅާލައި، އެމް-ފައިސާ މެދުވެރިކޮށް ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
މި ގުޅާލުމަކީ މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށްވާއިރު، މީގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެއެވެ.
އޮޑިގޯގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ލިބެން ހުރި ދަތުރުތައް އަޅައި ބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ސީދާ ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަކޮށްލެވޭނެއެވެ.
ބުކިންގް ކަށަވަރުވުމާއެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިންގް ޕާހެއް ލިބޭނެ ކަމަށާއި، މިއީ ފެށުނީއްސުރެ ނިމެންދެން ފަސޭހަ ޑިޖިޓަލް ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމެކެވެ.
އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ، އުރީދޫގައި އެމް-ފައިސާއާ މެދު ކުންފުނިން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ. ކުންފުނިން ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭން ކަމަށް ނުއުމާން ވިދާޅުވިއެވެ.
"އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުންނެވެ. މީގެ އިތުރުން، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތެވެ.” ނުއުމާން ވިދާޅުވިއެވެ.
އޮޑިގޯއަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމާއި އަދި ކަނޑުދަތުރުފަތުރާ ގުޅޭ ހިދުމަތްތައް އެއް އެޕަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ދިވެހި ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިދުމަތްތައް ހޯދައި، ބުކްކޮށް އަދި ބޭނުންކުރުން ފަސޭހަވެ، އެކި ތަންތަނުން ބުކިންގް ހެއްދުމަށް ކުރަންޖެހޭ މަސައްކަތް މަދުވެގެންދެއެވެ.
ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރުގެ އިތުރުން، އޮޑިގޯއިން ދަނީ ދަތުރުފަތުރާއި ކަނޑުމަތީގެ ކަންކަމާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރާއި ފްލީޓްތައް ބަލާލުމާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކާއި އެހެނިހެން އުފެއްދުންތައް ހިމެނޭ މާކެޓްޕްލޭސްއެއް ބޭނުންކޮށްލެވެއެވެ.
މީގެ އިތުރުން މި ޕްލެޓްފޯމުގައި ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓެއް ކަމަށްވާ އޮޑިމެޕް އަދި ކަނޑާއި މަސްވެރިކަމުގެ ލަފާކުރުންތައް ހިމެނޭހެން ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ފޯރުކޮށްދޭ ނަކަތް ހިމެނެއެވެ.
އުރީދޫން ވިދާޅުވީ، މި ގުޅާލުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ނިޒާމުގެ ތެރޭގައި އެމް-ފައިސާގެ ދައުރު އިތުރަށް ފުޅާވެ، ކޮންމެ ދުވަހަކު ބޭނުންކުރާ ގިނަ ހިދުމަތްތަކަކަށް ޑިޖިޓަލް ޕޭމަންޓް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ޑިޖިޓަލް މާލީ ހިދުމަތްދޭ ޕްލެޓްފޯމުގެ ހައިސިއްޔަތުން، އެމް-ފައިސާއިން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ މޮބައިލް ފޯނު މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މާލީ މުއާމަލާތްތައް ބެލެހެއްޓޭނެ މަގު ފަހިކޮށްދެއެވެ. އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ފޮނުވުމާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، މޮބައިލް ހިދުމަތްތައް ރީޗާޖުކުރުމުގެ އިތުރުން، ފުޅާވަމުންދާ ގިނަ ޑިޖިޓަލް މާލީ ހައްލުތަކެއް ބޭނުންކުރެވެއެވެ. މިއަހަރުގެ ކުރީކޮޅު ޕޭޕަލް ގުޅާލުމާއެކު، އެމް-ފައިސާއިން ވަނީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.