ކައުންސިލްތަކަށް ލިބޭ އެހީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްދޭ މިންވަރު އިތުރުކުރުމަށް ހިމަނައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އިސްލާޙު ހުށަހަޅުއްވާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ސަރުކާރުގެ ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްޢޫލިއްޔަތުތައް ތަންފީޒުކުރުމަށް ޙިއްސާކުރަންޖެހޭ އިންސައްތަ %5 އިން %10 އަށް އިތުރުކުރުމާއި، ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމެވެ. ކައުންސިލްތަކުގެ ބަޖެޓް ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުމަށްޓަކާ، ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމަކީވެސް ބިލުގެ މަޤްސަދެކެވެ.
ޤާނޫނަށް ހުށަހެޅި އިސްލާޙުގައި ބުނެފައިވަނީ ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރަންވާނީ، އެއްވެސް ޤާނޫނެއްގެ ދަށުން ކައުންސިލްތަކުން ދަޢުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނުދައްކާ ވާނަމަ، އެ ޓެކުހެއްގެ ފައިސާ އުނިކުރުމަށް ފަހު ބާކީވާ ޢަދަދުކަމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ފައިސާ، އެ އަހަރު ތެރޭގައި ދައުލަތުގެ ކޭޝްފްލޯއަސް ބަލާ، އެ ކައުންސިލްތަކަށް ދޫކުރަން ވާނެކަމަށާ، ހިނގަމުންދާ މަހެއްގެ ހިލޭ އެހީއަށްވާ ފައިސާ ދޫކުރާނީ ފާއިތުވި މަހަށް ނިސްބަތްވާ ބައެއް ލިޔުންތައް ހުށަހެޅުމުންކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ލިޔުންތަކަކީ، އެ މަހެއްގެ ޚަރަދު ރިޕޯޓް، އެ މަހެއްގެ އާމްދަނީ ރިޕޯޓް، ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަން ޖެހި އެހާތަނަށް ދައްކާފައި ނުވާ ފައިސާ އާއި، އެކި ފަރާތްތަކުން ކައުންސިލަށް ލިބެން ޖެހި، ލިބިފައި ނުވާ ފައިސާގެ އަދާހަމަ ސްޓޭޓްމަންޓުގެ އިތުރުން އެ ޤާނޫނުގެ ދަށުން ބަޔާން ކުރާ އެ ނޫންވެސް ލިޔުންތަކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.